ރޭ ފަތިހު ސިނަމާލެ ބުރިޖުގެ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްއިން ނައްޓައިގެން ގޮސް، ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ފަތިހު 4:29 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ މި ސައިކަލު އެވަގުތު ހައިވޭގައި ތިބި އެހެން ފުލުހުން ވަނީ ހުއްޓުވާފަ އެވެ.

މާލެއާއި ހުޅުމާލޭގައި އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ މީހުންގެ ނުރައްކާ ބޮޑުވުމުންނާއި، އެކްސިޑެންޓުތައް އިތުރުވަމުންދާތީ ފުލުހުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް، އޮޕަރޭޝަންތައް އިތުރުކޮށްފަ އެވެ.