އަލަތު ދަރިފުޅު އުފަންވާން ވާއިރަށް އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ޗުއްޓީ ނަގައިފި އެވެ.
ވިރާޓްގެ ސެކްރެޓަރީ ޖޭ ޝާހް ބުނެފައިވާ ގޮތުން އުމުރުން 32 އަހަރުގެ ވިރާޓްއަށް ޗުއްޓީ ހަމަޖެހިފައިވަނީ އިންޑިިއާގެ ގައުމީ ކްރިކެޓް ޓީމުން އަންނަ މަހު އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅޭ ޓެސްޓަށް ފަހުގަ އެވެ.
ވިރާޓްގެ މިނިންމުމާ މެދު ބައެއް ފަރާތްތަކުން ވަނީ އުފާ ފާޅުކޮށް މަރުހަބާ ކިޔާފަ އެވެ. އަދި ހުރިހާ ކަމަކަށް ވުރެ އާއިލާ އިސްކުރުމުން ގިނަ މީހުންނަށް މިކަން ވެގެން ދިޔައީ ވަރަށް "ލޯބި" ކަމަކަށެވެ.
ކޮމެންޓޭޓަރެއް ކަމަށްވާ ހަރްޝާ ބޯގްލޭ ކޮށްފައިވާ ޓުވީޓެއްގައިވާ ގޮތުން މިއީ ބޮޑު ހަބަރެކެވެ. އަދި ވިރާޓަށް އޭނާގެ ދިރިއުޅުމުގައި ޕްރޮފެޝަނަށްވުރެ މުހިއްމު ކަންތައް ހުރިކަން ހާމަވެގެން ހިނގައްޖެ ކަމަށާ އެހެން ނަމަވެސް ވިރާޓް ނެތުމުން އިންޑިޔާ ޓީމަށް ކުރިއަށް ހުރި މެޗްތައް އުނގަދޫވެގެން ދާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ވިރާޓްގެ މި ނިންމުމާއެކު އިންޑިއާގެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ދޯނީ އާ ވިރާޓް އަޅާ ކިޔާފައިވެ އެވެ. ސަބަބަކީ 2015 ވަނަ އަހަރު ދޯނީއާއި އޭނާގެ އަންހެނުން ސާކްޝީގެ އަލަތު ދަރިފުޅު އުފަންވިއިރު ދޯނީ ޗުއްޓީ ނަގާފައި ނުވާތީ އެވެ.
ދޯނީގެ އަލަތު ދަރިފުޅު ޒިވާ އުފަންފެވައި ވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އެއީ އިންޑިއާއިން އޮސްޓްރޭލިއާ އާއި ދެކޮޅަށް ވޯމް-އަޕް މެޗަކަށް ނުކުތުމުގެ ދެ ދުވަސް ކުރި އެވެ.
މިކަމާ ގުޅިގެން އޭރު މީޑިޔާތަކުން ސުވާލު ކުރުމުން ދޯނީ ބުނެފައިވަނީ އޭނާ ހުރީ ގައުމީ ހިދުމަތުގައި ކަމަށާއި، އޭގެ ކުރިމަތީގައި އެހެން އެއްވެސް ކަމަކީ އޭނާއަށް މުހިއްމުކަމެއް ނޫން ކަމަށެވެ.
ވިރާޓް ޕެޓާނިޓީ ލީވް ނެގުމުން މައްސަލައަކަށް ވުމަކީ ޖިންސީ ހަމަހަމަ ކަމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ.