ފުވައްމުލަކު މަގު ހެދުމުގެ ތެރޭގައި އެ ރަށުގެ "ކުޑަ ހަވިއްތަ"އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެ ރަށު ހޯދަޑު އަވަށާއި ދަޑިމަގު އަވަށާ ދެމެދު އޮންނަ މަގު ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން މަގު ފުޅާކުރިއިރު އެތަނުގައި ހުންނަ ކުޑަ ހަވިއްތަ ސަރަހައްދު ކޮނެ، އެތަނުގައި ހުރި ގާތަކެއް ވަނީ ނަގައިފަ އެވެ.

ފުވައްމުލަކު ހަވިއްތައަކީ، އިހުޒަމާނުގައި "ވޭރެގަން" ކިޔާއުޅުނު ސަރަޙައްދުގައި ހުރި ބުޑިޒަމްގެ ބިނާއެކެވެ. ނުވަތަ ދާގަބާއެކެވެ. އެތަނުގެ ވަށައިގެންވާ ސަރަހައްދުގައި ކުޑަ ހަވިއްތަތަކެއް ހުރެ އެވެ. އެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުން މަގު ހެދިއިރު އެތަން ހިމާޔަތްކުރަން ޖެހޭނެކަން ސިޓީ ކައުންސިލަށާއި އެމްޓީސީސީއަށް ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތްކުރީ އެކަމަށް އެއްވެސް ފަރުވާތެރިކަމެއް ނުބަހައްޓައި ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑު ކިޔަމުންނެވެ.

ފުވައްމުލަކު މަގުހެދުމުގެ ތެރޭގައި އެ ރަށު ހޯދަޑު އަވަށުގައި ހުންނަ "ކުޑަ ހަވިއްތަ"އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

އެ މައްސަލައާ ބެހޭ ގޮތުން "ހުރިހާ"އާ ވާހަކަދައްކަވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް ރަޝީދު މިއަދު ވިދާޅުވީ މަގުހެދުމުގެ މަސައްކަތްކުރިއިރު އެތަނަށް ގެއްލުން ލިބިފައިވާތީ އެކަން ހުއްޓާލަން ހެރިޓޭޖް މިނިސްޓްރީން ސީޓީއަކުން އަންގާފައިވާ ކަމަށެވެ.

"މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ މަގު ހެދުމުގެ މަސައްކަތް ކުރީ. އެ މަގުހެދުމުގެ މަސައްކަތްކުރުމުގެ ކުރިން އެތަނަށް ވީހާ ވެސް ގެއްލުން ކުޑަވާނެ ގޮތަށް މަގުގެ މިސްރާބަށް ބަދަލު ގެނެސްފައިވާނެ،" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު މަގުހެދުމުގެ ތެރޭގައި އެ ރަށު ހޯދަޑު އަވަށުގައި ހުންނަ "ކުޑަ ހަވިއްތަ"އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

އަސްލަމް ވިދާޅުވީ އެ މަގުހެދުމުގައި އެތަނުން ނެގި ގާތަށް މިރަށުގެ މިއުޒިއަމްގައި ރައްކާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަ ތަޖުރިބާކާރަކާއެކު މި ހަފުތާ ތެރޭގައި ބައްދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މަގު ހެދުމުގައި ކުޑަ ހަވިއްތަ ސަރަހައްދަށް ގެއްލުން ލިބިފައިވާތީ ހެރިޓޭޖް މިނިސްޓްރީން ބުނީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނާ ޚިލާފަށް ފުވައްމުލަކުގެ ކުޑަ ހަވިއްތައަށް ގެއްލުންވާ ގޮތަށް، މަގު ކޮނުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތުލިބުމާއެކު އެކަން ހުއްޓުވުމަށް ފުވައްމުލައް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

ފުވައްމުލަކު މަގުހެދުމުގެ ތެރޭގައި އެ ރަށު ހޯދަޑު އަވަށުގައި ހުންނަ "ކުޑަ ހަވިއްތަ"އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

"މި ކަމާގުޅިގެން ހަވިއްތައަށް ގެންލުން ލިބިފައިވޭތޯބަލައި ޤާނޫނުގައި ވާ ގޮތުގެ މަތިން އަމަލުކުރަމުންދާނެ ވާހަކަ ދަންނަވަން،" އެ މިނިސްޓްރީން ބުންޏެވެ.