މަރުގެ ހުކުމް ތަންފީޒު ކުރުމާގުޅޭ ގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލު ކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު (ޓޮމް) ހުށައަޅުއްވައިފި އެވެ.
ޓޮމް މިއަދު ކުރެއްވި ޓުވީޓެއްގައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް، ހޯމް މިނިސްޓަރ އިމްރާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު 10 ގެ ތެރޭގައި އެޖެންޑާ ކޮއްދޭނެކަމަށް އެދޭކަމަށް ބުނެފައިވެ އެވެ.
ޓޮމް އިމްރާނާ ކުރާ ސުވާލަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟ އަދި އެފަދަ ފަރާތްތަކުގެ ހުކުމް މިސަރުކާރުން ތަންފީޒު ކުރާނެތޯ އެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދެވި އެވެ. އަދި އެކަމަށްޓަކައި ހޯމް މިނިސްޓްރީން ގަވައިދުތައް ހަދާ ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވީ ނަމަވެސް އެއްވެސް ފަރާތެއްގެ މަރުގެ ހުކުމް ތަންފީޒު ކޮށްފައިނުވެ އެވެ.
މި ސަރުކާރުން ވެރިކަމަށް އައިސް ބުނެފައިވަނީ މަރުގެ ހުކުމް ސަރުކާރުން ތަންފީޒުކުރާނެކަމަށާއި އެހެންނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބުމުންކަމަށެވެ. ސަރުކާރުން މިކަން ހާމަކުރީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖެއިން ދެކޭގޮތް އދ ގައި ބަޔާންކޮށް ފާސްކުރި "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތް ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަންގަ އެވެ.