މީރާ ރާޖްޕޫތް އާއި ޝާހިދް ކަޕޫރްއަކީ ބޮލީވުޑްގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ.

އެދެމަފިރިންގެ ވީޑިއޯތައް އާންމުންނާއި ހިއްސާކުރާއިރު، އާންމުން ޝާހިދާއި މީރާ ސިފަކުރަނީ، އެކަކަކު އަނެކަކާ އެންމެ ގުޅޭ ޖޯޑެއްގެ ގޮތުގަ އެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވަނީ އަންހެނުން މީރާގެ ވާހަކަ ދައްކާފަ އެވެ.

އެގޮތުން ޝާހިދު ވަނީ އޭނާ ކުޅުނު ފިލްމެއް ބެލުމަށްފަހު، ޝާހިދާ މީރާ އިންނަން ނުގަބޫލުވި ކަމަށް ބުނެފަ އެވެ. ޝާހިދު ބުނިގޮތުގައި މީރާ ޝާހިދާ އިންނަން ނުގަބޫލުވީ "އުޑްތާ ޕަންޖާބު" ފިލްމު ބެލުމަށް ފަހުގަ އެވެ.

އުޑްތާ ޕަންޖާބުގައި ޝާހިދު ކުޅެދީފައިވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހެއްގެ ރޯލެކެވެ. އަދި ޝާހިދު ބުނިގޮތުގައި މީރާ ހިތްހަމަ ނުޖެހުނީ އެސަބަބާއި ހުރެ އެވެ. ފިލްމު ބެލުމަށް ފަހު ޝާހިދަކީ އެފަދަ މީހެއްތޯ މީރާ ސުވާލުކުރި ކަމަށާއި، އެހެންނަމަވެސް އެއީ ހަމައެކަނި ފިލްމު ކުޅެން ޝާހިދު އަދާކުރި ރޯލެއްކަން މީރާއަށް ޝާހިދު ކިޔައިދިން ކަމަށް ޝާހިދު ބުނެފައިވެ އެވެ.

ޝާހިދާއި މީރާ ކައިވެނި ކުރީ 2015 ވަނަ އަހަރުގެ ޖުލައި ހަތް ވަނަ ދުވަހު އެވެ.

ކައިވެނި ކުރި ދުވަސްކޮޅު މީރާއަށް ގިނަ ބައެއްގެ ފާޑިކިޔުން އަމާޒުވި ނަމަވެސް ގިނަ ބަޔަކަށް މިހާރު ވަނީ މީރާގެ މިޒާޖާއި، އުޅުން ކަމުގޮސްފަ އެވެ. އާންމުން އޭރު މީރާއަށް ފާޑުކީ، ޝާހިދު، ފިލްމީ އިންޑަސްޓްރީގެ ބޭރުން މީރާއާ ކައިވެނި ކުރުމުންނެވެ.