އައްޑޫ ސިޓީގެ ރަށްރަށުން ބިންހިއްކާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަށް ހަތަރު މަސްދުވަސް ނަގާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އައްޑޫ ސިޓީގެ ރަށްރަށުން ބިން ހިއްކަންފަށާނީ ބިން ހިއްކުމަށް ބޭނުންވާ ވެލި ނަގާނެ ތަންތަން ހޯދައި ސާވޭކުރުމަށް ފަހު ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ވެލި ޕަމްޕުކުރުމަށް ހަތަރުމަސް ދުވަސް ނަގާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަތަރު މަސްދުވަސް ނެގި ނަމަވެސް ބިން ހިއްކުމަށް ބޭނުންވާ އިކުއިޕްމަންޓާއެކުގައި ބަންޑުވޯލް ޖަހަންޖެހޭ ތަންތަނުގައި ބަންޑުވޯލް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

"އެހެން ނަމަވެސް އިކުއިޕްމެންޓާއެކީގައި ބަންޑުވޯލް ޖަހަން ޖެހޭ ތަންތަނުގައި ބަންޑު ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެސިޓީގެ ތިން ރަށަކުން ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.