ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން ދަނިކޮށް، ބޯޓާ ވަރަށް ކައިރިން ޑްރޯންއެއް ބޭނުންކޮށްގެން މަންޒަރުތަކެއް ނަގާފައިވާތީ އެ މައްސަލަ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީން މިހެން ބުނެފައިވަނީ ހުޅުމާލެ މަތިން ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން ދަނިކޮށް ޑްރޯންއެއް ބޭނުންކޮށްގެން ނަގާފައިވާ ވީޑޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދަނިކޮށެވެ.
މިކަމާ ގުޅިގެން ސިވިލް އޭވިއޭޝަން ދާއިރާގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށް އެއޮތޯރިޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވައިގެ ދަތުރުފަތުރު ކުރާ ސަރަހައްދެއްގައި ޑްރޯން ނެރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމަށެވެ.
އެއްވެސް ބަޔަކު ބަޔަކަށް ގެއްލުން ލިބޭ ފަދަ ކަމެއް ގަސްދުގައި ނުކުރާނެކަން ގަބޫލުކުރާ ކަމަށް ވެސް އެ އޮތޯރިޓީންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިވިލް އޭވިއޭޝަނުން ބުނެ އެވެ.
ރަސްފަންނު ފިޔަވައި މާލޭގެ އެހެން ހުރިހާ ސަރަހައްދެއްގައި ވެސް ޑްރޯން އެރުވެނީ އެކަމަށް ސިފައިންގެ ހާއްސަ ހުއްދައެއް ހޯދައިގެން ކަމަށް ވެސް ސިވިލް އޭވިއޭޝަނުން ބުނެ އެވެ.
އެ ވީޑިއޯ ހިއްސާކޮށް އެއާ ޓްރެފިކް ކޮންޓްރޯލަރެއް ކަމަށްވާ ސައްދާމް ޓުވިޓާގައި ބުނީ، އެފަދަ ވީޑިއޯއެއް ނަގައިގެން މީހާގެ ސޯޝަލް މީޑިއާ ކިތަންމެ "ކޫލް" ވިޔަސް، ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ވަރަށް ބޮޑު ނުރައްކަލެއް އެކަމުން ކުރިމަތިވާ ކަމަށެވެ.
"އެއާ ޓްރެފިކް ކޮންޓްރޯލަރަކަށް ވެސް އަދި ބޯޓުގެ ޕައިލެޓަކަށް ވެސް ނޭނގޭނެ ޑްރޯން އޮންނަ ތަނެއް. ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން މެދުވެރިވެދާނެ،" އޭނާގެ ޓުވީޓުގައި ބުންޏެވެ.
އެ ވީޑިއޯ އާއި ފޮޓޯތައް މިހާރު ވަނީ ޑިލީޓް ކޮށްލައިފަ އެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޑްރޯން އޮޕަރޭޓް ކުރި ފަރާތަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ. އަދި މިފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.