ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވެނަ ފިޔަވަހި ގުޅުވައިދޭ ކަނެކްޓިވިޓީ ބްރިޖްތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކަށް ބައެއް ބަދަލުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ގެނެސްފި އެވެ.

ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތަކެއް ހިނގާ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް އެޗްޑީސީން ބަދަލުގެނެސްފައި ވަނީ ނިރޮޅުމަގު ބްރިޖާއި، ހިތިގަސްމަގު ބްރިޖް ސަރަޙައްދުންނެވެ. މިބަދަލުތައް ގެނެސްފައިވަނީ އިއްޔެއިން ފެށިގެންނެވެ.

ނިރޮޅުމަގު ކަނެކްޓިވިޓީ ބްރިޖު ކައިރިން ގެނެވޭ ބަދަލުތައް:

ނިރޮޅުމަގު އުތުރުން ދެކުނަށް (ފޭސް ދެއަކުން އެކަކަށް) ދަތުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ ހަމައެކަނި ކުރިއަށެވެ. ކުރެދިމާ ހިނގުމަށް ވާތަށް ލަނބައެއް ނުލެވޭނެ އެވެ. އަދި މި މަގުން ދަތުރުކުރާ ފަރާތްތަކަށް ކުރެދިމާ ހިނގުމަށް ކަނާތަށް ވެސް ލަނބައެއް ނުލެވޭނެ އެވެ. މިބަދަލާ ގުޅިގެން ނިރޮޅުމަގުގޯޅި 1 އިން ދަތުރުކުރެވޭނީ ހަމައެކަނި ހުޅަނގުން އިރަށެވެ.

ނިރޮޅުމަގު ދެކުނުން އުތުރަށް (ފޭސް އެކަކުން ފޭސް ދެއަކަށް) ދަތުރުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ ކުރިއަށެވެ. ނުވަތަ ލަނބާލެވޭނީ ވާތަށް ކުރެދިމާހިނގުމަށެވެ. މިމަގުން ދަތުރުކުރާ ފަރާތްތަކުން ކުރެދިމާހިނގުމަށް ކަނާއަތަށް ލަނބައެއް ނުލެވޭނެ އެވެ. މި ބަދަލާއެކު ކުރެދިމާހިނގުން ނިރޮޅުމަގު ބްރިޖުން ފެށިގެން ހިގިގަސްމަގު ބްރިޖާހަމައަށް ދަތުރުކުރެވޭނީ ހަމައެކަނި އިރުން ހުޅަނގަށެވެ.

ހިތިގަސްމަގު އުތުރުން ދެކުނަށް (ފޭސް ދެއަކުން އެކަކަށް) ދަތުރުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ ހަމައެކަނި ކުރިއަށެވެ. ކުރެދިމާހިނގުމަށް ވާއަތަށް ލަނބައެއް ނުލެވޭނެ އެވެ. އަދި މިމަގުން ދަތުރުކުރާ ފަރާތްތަކަށް ކުރެދިމާހިނގުމަށް ކަނާތަށް ވެސް ލަނބައެއް ނުލެވޭނެ އެވެ.

ހިތިގަސްމަގު ދެކުނުން އުތުރަށް (ފޭސް އެކަކުން ފޭސް ދެއަކަށް) ދަތުރުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ ކުރިއަށެވެ. އަދި ކުރެދިމާހިނގުމަށް ވާތަށް ލަނބާލެވޭނެ އެވެ. މިމަގުން ދަތުރުކުރާ ފަރާތްތަކަށް ކުރެދިމާހިނގުމަށް ކަނާއަތަށް ލަނބައެއް ނުލެވޭނެ އެވެ.

ކުރެދިމާހިނގުމުން ހުޅަނގުން އިރަށް ދަތުރުކުރާ ފަރާތްތަކަށް ލަނބާލެވޭނީ ހިތިގަސްމަގު ބްރިޖުން ވާތަށެވެ. ހިތިގަސްމަގުން ކަނާތަކަށް ލަނބައެއް ނުލެވޭނެ އެވެ.

އެޗްޑީސީން ބުނީ ނިރޮޅުމަގު ބްރިޖު އަދި ހިތިގަސްމަގު ބްރިޖު ސަރަހައްދުގެ ޓްރެފިކަށް ގެނެވުނު ބަދަލުތަކަކީ އެ ސަރަހައްދުގެ މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަަލާމަތާއި ރައްކާތެރިކަމަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށެވެ.

ހުޅުމާލެ ފޭސް އެކަކާއި ދޭއް ގުޅުވާލާފައިވަނީ 4 ކަނެކްޓިވިޓީ ބްރިޖަކުންނެވެ. މީގެ ތެރެއިން އާންމުންނަށް ހުޅުވާލާފައިވަނީ އެންމެ އިރުމަތީ ފަރާތުން ނިރޮޅުމަގު ބްރިޖާއި، އެއާ ޖެހިގެން ހުޅަނގަށް އޮންނަ ހިތިގަސްމަގު ބްރިޖެވެ. އޭގެ ހުޅަނގަށް އޮތް ދެ ބުރިޖު އަދި އާއްމުކޮށް ހުޅުވާލާފައެއްނުވެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މީހުން އާބާދުވާން ފަށާފައިވާއިރު، އާއްމުންނަށް ހުޅުވާލާފައިވާ ބްރިޖް ސަރަަޙައްދުގައި ފަހަކަށް އައިސް އެކްސިޑެންޓްވާ މިންވަރު ވެސް އިތުރުވެފައިވެ އެވެ. ޓްރެފިކަށް މި ގެނައި ބަދަލުތަކާއެކު އެކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލުތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.