ވަކިކުޅިވަރެއް ތަފާތު ކުރުމެއް ނެތި ރާއްޖޭގައި ހުރިހާ ކުޅިވަރުތަކެއް ކުރިއެރުވުމަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ރަސްމީގެކޮޅު ކަމަށްވާ މުލީއާގޭގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަނުގެ މެންބަރުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުންނާއި ދާއިމީ ރޭސިން ޓްރެކެއްގެ ބޭނުންތެރިކަން ފަދަ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާކަން ފާހަގަކޮށްފަ އެވެ. އަދި އެ ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފަރިތަކުރުންތައް ކުރިޔަށްގެންދިއުމަށް ސަރަޙައްދެއް ބޭނުންވާކަން އެ ސޯސިއޭޝަނުގެ މެންބަރުން ފާހަގަކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ރައީސް ވަނީ ވަކި ކުޅިވަރެއް ތަފާތު ނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރުތަކެއް ކުރިއެރުވުމުގައި ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން އެ އެސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް ރޭސިން އެސޯސިއޭޝަނުގެ މެންބަރުންނާ މަޝްވަރާކުރައްވާފަ އެވެ.