ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ، ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމުން ކުރަމުން އަންނަ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.

ފައްޔާޒަށް ތާއީދުކުރައްވާ ޓީމުން "ހިންގާލަން" ނަމުގައި ޝިއާރު ކަނޑައަޅާފައިވާއިރު، ރައީސް ނަޝީދު ވަނީ އިންތިހާބުތައް ކާމިޔާބުކުރުން ނޫން ކަމަކަށް ޕާޓީ ހިންގަން ނުޖެހޭ ކަން ފާހަގަކުރައްވައި، އެ ކަމުގައި އެ ޕާޓީ މިހާތަނަށް ހިންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

"އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ ރައީސް. އެމްޑީޕީ ނުހިނގާ ކަމަށް ބުނަނީ ނަމަ އަޅުގަނޑު ދެކޭނީ އަޅުގަނޑު އެއްޗެއް ބުނަން ޖެހޭ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ފައްޔާޒާ އެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އަދި އެ ދެބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ތާއީދު ކުރައްވަނީ އިމްތިޔާޒް އަށެވެ.

އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ ވާދަވެރި އިންތިހާބު ފަސްކޮށްފައިވާއިރު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 14 ވަނަ ދުވަހުގަ އެވެ.