ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ ކުޑައިރުން ފެށިގެން ބަލާ ބޮޑުކުރީ އޭނާގެ މާމަ ކަމަށް ޕްރިޔަންކާ ބުނެފި އެވެ.

އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓެއްގައި ޕްރިޔަންކާ ވަނީ އޭނާގެ މަންމައާ މާމަ އަދި ރަހުމަތްތެރިއަކާއެކު އޭނާ އިން ފޮޓޯއެއް އާންމުކޮށްފަ އެވެ.

އެފޮޓޯގައި ޕްރިޔަންކާ އިންނަނީ މެދުގައި މަޑު ދަނބުކުލައިގެ ހެދުމެއް ލައިގެންނެވެ. އަދި އޭނާގެ މަންމައާ ރަހުމަތްތެރިޔާ ފެންނަނީ ހުދުކުލައިގެ ހެދުމެއް ލައިގެން އިންނަ ތަނެވެ. ފޮޓޯގައި ޕްރިޔަންކާގެ މާމަ ފެންނަނީ އެނދުގެ އެއްފަރާތުގައި ޗޮކްލެޓް ކުލައިގެ ސާޅިއެއް އަޅައިގެން އިންނަ ތަނެވެ.

ޕްރިޔަންކާ ދެވަނައަށް އާންމުކުރި ފޮޓޯގައި ޕްރިޔަންކާއާ އޭނާގެ މާމަ ފެންނައިރު، ޕްރިޔަންކާ ކާއެއްޗެއް އޭނާގެ މާމައަށް ލަވާ މަންޒަރު ފެނެ އެވެ.

ޕްރިޔަންކާ ބުނިގޮތުގައި އޭނާ ކުޑައިރު އޭނާގެ މަންމައާ ބައްޕަ ދިޔައީ ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންނެވެ. އަދި އެކަމުގައި މަސްއޫލުވެ އުޅުމުން ގިނަ ވަގުތު ޕްރިޔަންކާގެ ކަންކަން ކޮށް، ގިނައިން ވަގުތު ހޭދަވަނީ އޭނާގެ މާމަގެ ކައިރީގައި ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.

ޕްރިޔަންކާ އިތުރަށް ވަނީ އެފަދަ މާމައެއް ލިބުނީތީ އުފާކުރާކަމަށް ބުނެފަ އެވެ. އަދި އޭނާގެ މާމަ މަތިން ވަރަށް ހަނދާންވާ ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެ އެވެ.