ގއ. ދާންދޫ ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުކަން ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީން ބަލިވި މީހަކަށް ދީފި އެވެ.
ދާންދޫ، ބްރީޒް، މުހައްމަދު ހުސައިން ޗީފް އެޑްމިނިސްޓްރޭޓަރުކަމުގެ ވަޒީފާއަށް ނުކުންނަން ފަށާފައި ވަނީ އިއްޔެ އެވެ. ޖޭއެސްސީން ވަނީ ދާދި ފަހުން ކޯޓުތަކުގައި ކުރިން ތިއްބެވި ކޯޓުތަކުގެ އެޑްމިނިސްޓްރޭޝަނުން ބޭރުކުރުމަށް މަގާމުގެ އޮނިގަނޑެއް ހަދައި އަލުން އިއުލާންކޮށް، އެ މަގާމުތަކަށް އެ ޕާޓީން ބޭނުންވާ މީހުން ހޮވަން ފަށައިފަ އެވެ.
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ފާސްކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކެމްޕެއިން ކުރެއްވި ބޭފުޅުން ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން އަންނަނީ ބުނަމުންނެވެ.
ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ބާރު ގާނޫނުން މަތިކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީއަށެވެ. އެ ކޮމިޝަނުގެ ރައީސަކީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. އަދި އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީއަކީ އެމްޑީޕީއަށް ނިސްބަތްވާ ގާނޫނީ ވަކީލެކެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް އެ ކޮމިޝަނުގެ މެމްބަރެކެވެ.
އެމްޑީޕީން ވެރިކަމަށް އައީ ޖޭއެސްސީގެ ފޯމޭޝަން ސިޔާސީ ނުފޫޒުން އެއްކިބާވާ ފަދަ ގޮތަކަށް ބަދަލު ކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް މިއަދު ފެންނަނީ އެކަމަށް ވެސް އެމްޑީޕީން ހުރަސް އަޅަމުން އަންނަ މަންޒަރެވެ.
ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމަށް އެ ކޮމިޝަނުގެ ފޯމޭޝަން ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުން މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ވަނީ އެ އިސްލާހު ބޭރުކޮށްލާފަ އެވެ.
އެމްޑީޕީން އަބަދުވެސް ބުނަމުން އަންނަނީ ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން މިނިވަން ކުރާނެ ވާހަކަ އެވެ. ނަމަވެސް މިއަދު ފެންނަމުން ދަނީ އެއާ އިދިކޮޅަށް ކަންތައްތައް ވަމުން އަންނަ މަންޒަރެވެ.