ތިލަމާލެ ބްރިޖު މަސައްކަތް ކުރުމަށްޓަކައި ވިލިމާލެ ކައިރިން ބައެއް އުޅަނދުތައް ނަގަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ވިލިނގިލީގެ ފަޅުތެރެއާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދުތައް ވަކިކުރުމަށް ފެންސް ޖެހަން ފަށައިފައިވާއިރު، އެސަރަހައްދުގައި ބަހައްޓާފައިވާ އުޅަނދުތަކުގެ ސަބަބުން މަސައްކަތަށް ދަތިވާކަަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެގޮތުން މި މަސައްކަތް ކުރުމަށް އެ ކައުންސިލުން ވަނީ ވިލިމާލެ ހުޅަނގު ދެކުނު ފަރާތު އެއްގަމުގެ އިތުރުން ފަޅުތެރޭ އަޅާފައި ހުރި އުޅަނދު ފަހަރު ނަގަން އަންގާފަ އެވެ.

އެކައުންސިލުން އިތުރަށް ބުނީ މިމަހުގެ 19 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން އެއެއްޗެހި ނުނަގައިފިނަމަ، އެކައުންސިލުން އެތަކެތި އެހެން ތަނަކަށް ބަދަލު ކުރާނެކަމަށް ބުނެފަ އެވެ. އަދި އުޅަނދުތައް ނަގާއިރު، ލިބިދާނެ ގެއްލުމަކަށް އެކައުންސިލުން ޒިންމާ ނުނަގާނެ ކަމަށްވެސް އެކައުންސިލުން ބުނެފައިވެ އެވެ.

ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ޤައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫ އެވެ. މި މަޝްރޫޢުއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދު ކުރާނެ އެވެ.