މާފުށީ ޖަލުގައި 50 ގޮޅީގެ ޔުނިޓެއް ހަދާދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާފުށީ ޖަލަށް 50 ގޮޅީގެ ޔުނިޓް އިތުރުކުރުމުގެ، ޕްލޭން ތައްޔާރުކޮށް ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބުދަ ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީއަށް މެއިލުން އަންގަންޖެހޭނެ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ 24 އޭޕްރިލްގައި ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ޖަލުގެ ޖާގަ އިތުރުކުރުމަށް ހަދާ 50 ގޮޅީގެއިތުރު ޔުނިޓެއް ހަދަން އިއުލާންކޮށްފައިމިވަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ގޯސްކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރިޕޯޓެއް ނެރެފައިވަނިކޮށެވެ. ޖަލުތަކުގައި ތިބި ޤައިދީންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ހިމެނޭ ވަކީލުންގެ ހައްގާއި، ބޭސް ފަރުވާގެ ހިދުމަތް ދިނުމުގައި މައްސަލަތައް ހުރިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ޖަލުތައް ފުރިބާރުވެ އެކަށީގެންނުވާ ވަރަށް ޖަލުގޮޅިތަކުގައި މީހުންތިބި ކަންވެސް ވަނީ ފާހަގަ ކޮށްފަ އެވެ. ޖަލުތަކުގައި ތިބޭ ގައިދީންނަކީވެސް އދ އާއި އެނޫންވެސް ބައިނަލް އަގުވާމީ މުއާހަދާތަކުގައި ވާގޮތަށް ހައްގުތައް ކަށަވަރުވެގެންވާ ބަޔަކަށްވާއިރު އެމީހުންގެ ހައްގުތައް ނުގެއްލޭގޮތަށް ޖަލުތަކުގެ ހާލަތު ބަދަަލުކުރަންޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ތަހުގީގު މަރުޙަލާގައި ތިބޭ މީހުންނާއި ހުކުމް ތަންފީޒް ކުރަމުންދާ މީހުން ބޭތިއްބުމަށް ރާއްޖޭގައި ބޭނުންކުރަމުންދަނީ 4 ޖަލެވެ. އެއީ މާލޭ ޖަލާއި ހުޅުމާލެ ޖަލާއި ހިންމަފުށީގައި ހުންނަ ޖަލާއި މާފުށީ ޖަލެވެ. މި ޖަލުތަކުގެ ޖާގައަކީ 1300 މީހުން ކަމަށްވިޔަސް މިހާރުވެސް ޖަލުތަކުގައި ދެހާހެއްހާ ގައިދީން ތިބިކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އެއީ ޖަލުތަކުގެ ޖާގައަށްވުރެ ހަތްސަތޭކައެއްހާ މީހުން އިތުރު އަދަދެކެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދާދިފަހުން ވިދާޅުވެފައިވަނީ މިދައުރު ނިމުމުގެ ކުރިން ޖަލުތަކުގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ.