ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" މިމަހު ރިލީޒްކުރުމާއެކު ރިކޯޑުތައް މުގުރާލައި ކުރި ހޯދަން ފަށައިފި އެވެ.

ކަންނާޑާ އެކްޓަރު ޔާޝް އާއި ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން އަދި ސަންޖޭ ދަތު ފެނިގެންދާ މިފިލްމު ނެރޭ ތާރީހު، މީގެ ކުރިން ކޮވިޑާއި ގުޅިގެން އެތައް ފަހަރަކު ފަސްކޮށްފައިވެ އެވެ.

ނަމަވެސް މިމަހުގެ 14 ވަނަ ދުވަހު އެފިލްމު ރިލީޒްކުރުމާއެކު ދުވަހެއް ދުވަހަކަށް ފިލްމަށް ލިބޭ ތަރުހީބު ދަނީ އިތުރުވަމުންނެވެ.

ފިލްމުގެ ކާމިޔާބީއަށް ބަލާއިރު އެ ފިލްމު ރިލީޒްވިތާ ފުރަތަމަ ދުވަހު 165 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވެ އެވެ. އަދި ދެވަނަ ދުވަހު 139 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވާއިރު، މިހާތަނަށް ފިލްމަށް ލިބިފައިވާ ޖުމްލަ ވަނީ 617 ކްރޯރު ރުޕީސްއަށް އަރާފަ އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ވަނަ އަހަރުގެ ނުކުތް "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކުއަލް އެވެ. މި ފިލްމް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، އެކި ބަސްތަކުން ފިލްމު ދައްކާފައިވެ އެވެ.

މި ފިލްމްގައި ޔާޝް ފުރަތަމަ އަދާކޮށްފައިވާ ވަރުގަދަ ރޯލުން ދެވަނަ ބައިގައި ވެސް ފެނިގެންދާއިރު، ފިލްމްގެ ކާސްޓާ އަލަށް ގުޅުނު ތަރިންނަކީ ރަވީނާ އާއި ސަންޖޭ ދަތް އެވެ. މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ފިލްމުގެ ވިލަންގެ ރޯލުންނެވެ.