މިއަދުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކޭ މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނާނީ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައިކަމަށެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް މިނިސްޓްރީން ހަމަޖައްސާފައިވާ ބާވަތްތައް:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
އެމިނިސްޓްރީން އިތުރަށް ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އަދި އެދުވަސްތަކުގައި ހެނދުނު 10:00 އިން 12:00، އަށް އަދި މެންދުރުފަހު 13:00 އިން 14:30ގެ އިތުރުން ރޭގަނޑު 21:00 އިން 22:30 އަށް ޒަކާތް ބަލައިގަންނާނެކަަމަށް އިސްލާމިކް މިނިސްޓްރީޏް ވަނީ ބުނެފަ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ 2.4 ކިލޯގެ ގޮވާމުގެ ބާވަތްތަކުގެ އަގެވެ.