ކީވް (21 އޭޕްރީލް) - ޔޫކްރެއިންގެ މެރިއުޕޯލްއަށް ރަޝިއާއިން ދެމުންދާ ހަމަލާތަކާ ކުރިމަތިލާނެ ބާރު މިވަގުތު ޔޫކްރެއިންގެ އަސްކަރިއްޔާގައި ނެތް ކަމަށް އެ ގައުމުގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ދިން އިންޓިވައުއެއްގައި ޒެލެންސްކީ ވިދާޅުވީ ހަަނގުރާމައިގައި ރަޝިއާގެ މައްޗަށް ކުރި ހޯދުމަށް ހުޅަނގުގެ އަސްކަރީ އެހީ ބޭނުންވާ ކަމަށެވެ.
"މެރިއުޕޯލް މިނިވަން ކުރެވެން އޮތީ ދެގޮތަކަށް. އެއްގޮތަކީ ބަރު ހަތިޔާރު ބޭނުންކޮށްގެން ދުޝްމަނުންނާ ކުރިމަތިލުން. އަނެއް ގޮތަކީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ދަށުން މަޝްވަރާއަށް ދިއުން،" ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ އިތުރަށް ވިދާޅުވީ ފުރަތަމަ ގޮތް ޚިޔާރު ކުރަން ބޭނުންވާ އަސްކަރީ ބާރު މިވަގުތު ޔޫކްރެއިންގެ އަސްކަރިއްޔާގައި ނެތް ކަމަށާއި ދެވަނަ ގޮތުގެ މަތިން މަޝްވަރާ ކުރަން ރަޝިއާއިން ބޭނުން ނުވާ ކަމަށެވެ.
ޑޮންބަސްއާއި ރަޝިއާއިން ހިފާފައިވާ ކްރިމިއަން ޕެނިންސިއުލާ ގުޅުވައިދޭ ބަނދަރުމަތީ ސަރަހައްދެއް ކަމަށްވާ މެރިއުޕޯލްގައި ހަމަލާ ބަދަލު ކުރުންތައް ހަފްތާތަކަށް ދެމިގެން ގޮސްފައިވާއިރު ގިނަ ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ.
ރަޝިއާ ސިފައިން އަޒޮވްސްޓަލް ސްޓީލް ޕްލާންޓަށް މެދުނުކެނޑި ހަމަލާ ދެމުންދާއިރު އަންހެނުންނާއި ކުޑަ ކުދިން ހިމެނޭހެން ގިނަ އަދަދެއްގެ މީހުން ބޯހިޔާވަހިކަން ހޯދާފައިވާ ކަމަށް ރިޕޯޯޓުތައް ބުނެ އެވެ.
"އާއްމުން ރައްކާތެރި ކުރުމުގައި އަހަރުމެންގެ ސިފައިންގެ ފުރާނަތައް ދަނީ ގެއްލެމުން،" ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިއާއިން ވަނީ ޔޫކްރެއިންގެ ސިފައިން އަމާން ދީފިނަމަ ރައްކާތެރިކަން ދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާތަނަށް ޔޫކްރެއިންގެ އެއްވެސް ސިފައިންގެ މީހަކު އަމާން ދީފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ