އެމެރިކާ ނުވަތަ އިޒްރޭލުން އީރާނަށް ހަމަލާއެއް ދީފިނަމަ، ވަކި ޖިއޮގްރަފިކަލް ސަރަހައްދަކަށް ބެލުމެއް ނެތި ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސް ލީޑަރު މުޖުތަބާ ހާމަނާއީ ދެއްވައިފި އެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި މުޖުތަބާ ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރިމަތިކުރާ ކޮންމެ ފެންވަރެއްގެ ނުވަތަ ކޮންމެ ބާވަތެއްގެ ނުރައްކަލަކަށް ވެސް ވަގުތުން، ވަރުގަދަ އަދި ވަކި ސަރަހައްދެއް އިސްތިސްނާކުރުމެއް ނެތި ރައްދު ހަމަލާ ދޭންޖެހޭނެ ކަމަށެވެ. އެގޮތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ދޭންޖެހޭނީ ވަގުތުން އަސަރުކުރާނެ، ފުޅާ ރައްދެއް ކަމަށް އީރާނުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އީރާނުން މިފަދަ ވަރުގަދަ އިންޒާރެއް ދީފައި ވަނީ ސަރަހައްދީ ހަމަނުޖެހުންތައް ބޮޑުވެ، އެމެރިކާއާއި އިޒްރޭލުން އީރާނުގެ ނިއުކްލިއާ ނުވަތަ އަސްކަރީ މަރުކަޒުތަކަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރުވެރިކަން އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި އިންޒާރާއެކު މުޅި މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ހަނގުރާމަ ފުޅާވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް 47 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް އަލުން ހަމަލާދީފާނެ ކަމުގެ އިޝާރާތްތައް ދަނީ ލިބެމުންނެވެ. މީގެއިތުރުން އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫސީން ސައޫދީ އަރަބިއްޔާއަށް ހަމަލާތައް ދެމުންދާއިރު، ސަރަހައްދަށް ހަމަޖެހުން ގެނެވޭތޯ ކުރާ މަޝްވަރާތައް ވެސް ކުރިއަށްދެ އެވެ.