މޮޑާނާއިން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން 94.5 އިންސައްތަ ކާމިޔާބު ކަމަށް އެ ކުންފުނިން މިއަދު ނެރުނު ނަތީޖާތަކުން ދައްކައިފި އެވެ.

މިއާއެކު މޮޑާނާ ވެގެން ދާނީ އެމެރިކާގައި މިހާ ކާމިޔާބީ ރޭޓް މަތިކަން ހާމަކުރި ދެވަނަ ވެކްސިނަށެވެ. މީގެ ކުރިން އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯ އެން ޓެކްގެ ވެކްސިން ވެސް 90 އިންސައްތަ ކާމިޔާބުކަން ހާމަކޮށްފަ އެވެ.

އެމެރިކާގެ ގައިން ގަޔަށް އަރާ ބަލިތަކުގެ ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާ ޑރ. އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި މިއީ ވަރަށް އުފާވެރި ހަބަރެކެވެ. އަދި 94.5 އިންސައްތައަކީ ވަރަށް ބޮޑު ކާމިޔާބީ ރޭޓެކެވެ.

ފައުޗީ ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހުގެ ފަހުކޮޅު ވެކްސިން ދޭން ފެށެވަރު ވާނެ ކަމަށް ބެލެވެ އެވެ. އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައިވަނީ ހައި ރިސްކު މީހުންނަށާއި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށެވެ.

މޮޑާނާގެ ވެކްސިންތަކުގެ ކްލިނިކަލް ޓެސްތް ތަކުގެ ނަތީޖާއިން ލިބިފައިވަނީ އެ ނަތީޖާތައް މޮނިޓާ ކުރާ މިނިވަން ޕެނަލެއް ކަމަށްވާ ޑޭޓާ ސޭފްޓީ އެންޑް މޮނިޓަރިން ބޯޑާއި އެކު ބޭއްވި ކޯލެއްގަ އެވެ.

"މިއީ އަހަރެންގެ ހަޔާތުގައި އައި ވަރަށް އުފާވެރި ދުވަހެއް. ކޮރޯނާވައިރަސް ފަދަ ބައްޔަކަށް މިހާ ކާމިޔާބީ ރޭޓު މަތި ވެކްސިނެއް އުފެއްދުމަކީ ފަހުރެއް،" މޮޑާނާގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ޓަލް ޒެކްސް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ތެރޭފައި ފައިޒާއިން ވަނީ އެމީހުން އުފެއްދި ވެކްސިން 90 އިންސައްތަ ކާމިޔާބު ކަން ހާމަކޮށްފަ އެވެ. -ސީއެންއެން