ރާއްޖޭގައި މީހަކު ލައްވައި ހަށި ވިއްކުވަން އުޅުނު ބިދޭސީއަކު 15 އަހަރަށް ޖަލަށްލައިފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ހުކުމްކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މޮނީރު ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާގެ ކުށް ސާބިތުވުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ ޖިންސީ ކުށުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށި ވިއްކުވުމުގެ ކުށުން މުނީރު ކުށްވެރިވެފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

ހަމައެހެންމެ އެ މައްސަލައިގައި އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

މުނީރުގެ މައްޗަށް ހަށި ވިއްކުމުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ދައުވާވެސް ކޮށްފައިވެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ހަށި ވިއްކުމާއި އެފަދަ ވިޔަފާރުކުރުން އާންމުވެފައިވާއިރު، މިދިޔަ އަހަރު ގއ. ދާންދޫގައި ހަށިވިއްކި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެ މައްސަލައިގައި ވެސް ބިދޭސީން ހިމެނޭއިރު އޭގެ ތެރޭގައި 25 އަހަރުގެ ބިދޭސީ ފިރިހެނަކާއި، 26 އަދި 27 އަހަރުގެ ބިދޭސީ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.