އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ ނުފެތުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށްވާތީ ރައްޔިތުން އެދޭގޮތަށް ކަންކަން ނުވާ ކަމަށެވެ.

ފަހަކަށް އައިސް ރައީސް ނަޝީދު އަންނަނީ ފާޅުކަންބޮޑުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

މީގެކުރިން އެމަނިކުފާނު ވަނީ ދެކުނުގެ މަސްވެރިން ކުރި އިހްތިޖަޖާޖަށް ހިތްވަރު ލިބޭގޮތަށް ވެސް ވާހަކަ ދައްކަވާފަ އެވެ. ހަމަ އެ ގްރޫޕްގައި މީގެކުރިން ލިޔުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މަސްވެރިންނަށް އެމްޑީޕީން ވީ ވައުދުތައް ނުފުއްދޭ ކަމަށެވެ. އަދި މި ސަރުކާރަށް ތާއީދެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 50 ޕަސެންޓަށްވުރެ މަތިން ވޯޓު ހޯދަން އެމްޑީޕީއަށް އުނދަގޫވާނެ ކަމަށާއި ސަބަބަކީ ގިނަ ގޯސްތަކެއް ހެދިފައިވުން ކަމަށް ވެސް އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވެ އެވެ.

އަންނަ މަހު ބާއްވާ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ފޯރިގަދަވެ ޕާޓީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ތާއީދު ކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ޗެއާޕާސަން ކަމަށް ގެނައުމަށެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން އަންނަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ޗެއާޕާސަން ކަމަށް ގެނައުމަށް ހުއްޓުމެއް ނެތި ކެމްޕެއިން ކުރަމުންނެވެ.