ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ނިއުދިއްލީގައި އޮންނަ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކަ އެވެ.

ނިއުދިއްލީގައި ބާއްވާ އެ ކޮންފަރެންސް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް ބާއްވަން ހަމަޖެހިފައިވާއިރު، އެ ކޮންފަރެންސްގައި ރައީސް ނަޝީދު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އެމަނިކުފާނު ވާހަކަ ދައްކަވާނެ މައުޟޫތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، ފާގަތި ދިރިއުޅުމާއި ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެކަމަށް ރައްޔިތުން މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އަދި ދަރަނިވެރިވުމާ، އެކަމުގެ ސަބަބުން ގައުމަށް ދިމާވާ އެކި ކަންކަމާއި ގުޅިގެންވެސް ވާހަކަ ދައްކަވަން ހަމަޖެހިފައިވާކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ބައްދަލު ކުރައްވަން ހަމަޖެހިފައިވެ އެވެ.