ފަހަކަށް އައިސް ބޮލީވުޑް ސިނަމާތަކުގައި ޖާގަ ހޯދަމުން ގެންދާ ޖާންވީ ކަޕޫރަށް ބޭބެ އަރްޖުން ކަޕޫރުގެ ފަރާތުން ރައްކާތެރިކަން ލިބޭކަމަށް ޖާންވީ ބުނެފި އެވެ.

ޖާންވީއާ އަރްޖުންގެ ބައްޕައަކީ ބޯނީ ކަޕޫރެވެ. ޖާންވީއާ އަރްޖުން ވަކިން ބޮޑެތިވި ނަމަވެސް އެދެމެދު ކޮއްކޮއާ ބޭބެގެ ގުޅުން ވަރުގަދައަށް ދެމިގެންވާކަމަށް ޖާންވީ ވަނީ ބުނެފަ އެވެ.

ހަމައެހެންމެ އެފަދަ ބޭބެއަކު ހުރުމުގެ ސަބަބުން އެކި ކަންކަމުގައި އެހީތެރިކަމާއި ރައްކާތެރިކަން ލިބޭކަމަށް ޖާންވީ ވަނީ ބުނެފަ އެވެ. އަރްޖުން، ޖާންވީގެ ބޭބެއަކަށްވުން ޖާންވީ ސިފަކޮށްފައިވަނީ އޭނާގެ ނަސީބުކަމަށެވެ.

ފިލްމުގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ޖާންވީ ފެނިގެންދާނީ، "ބޮމްބޭ ގާލް" އިންނެވެ. އަދި ރާޖްކުމާރް ރާއޮ އާއެކީ "މިސްޓާ އެންޑް މިސްސް މާހީ" އިންވެސް ޖާންވީ ފެނިގެންދާނެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކް ހޯދާފައިވާ ޖާންވީ އަކީ ސޯޝަލްމީޑިއާގައި އެކްޓިވްކޮށް އުޅޭ ފަންނާނެކެވެ. ޖާންވީ ދަނީ އިންޑަސްޓްރީގައި އޭނާގެ މަންމަގެ ރޯލު އަދާކުރަމުން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.