ރަސްމާލެ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ތައްޔާރުކުރި ތަހުގީގީ ދިރާސާއެއްގައި ބުނެފައި ވަނިކޮށް، ޖަމްއިއްޔަތުއްސަލަފުގެ އިސްވެރިންތަކެއް އެ ހަރަކާތުން ވަކިވެއްޖެ އެވެ.

އިލްމުވެރިންގެ ގުޅުމުން ވަކިވެވަޑައިގެންނެވީ ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު އާއި އެ ޖަމިއްޔާގެ ތަރުޖަމާނު ހަސަން މޫސާ ފިކުރީގެ އިތުރުން ޑރ. އަލީ ޒާހިރުއެވެ. މީގެ ތެރެއިން ސަލަފުގެ ރައީސް އަބްދުﷲ މުހައްމަދަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭބެއެވެ.

އިލްމުވެރިންގެ ގުޅުމުގެ ކޮމިޓީއަކުން ތައްޔާރުކޮށް 160 އަށްވުރެ ގިނަ އިލްމުވެރިންނަށް ފޮނުވާފައިވާ ދިރާސާ ޑްރާފްޓުގައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލަން ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދިރާސާގައި ބުނެފައި ވަނީ މުސްލިމް ނޫން ބޮޑު އާބާދީއެއް މާލެ ކައިރީ ވަޒަންވެރިވުމަކީ ދީނީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އެގްރިމެންޓުގެ ގާނޫނީ އަދި ދީނީ އިބާރާތްތަކަށް އަލިއަޅުވާލައި އެ ދިރާސާގައި ބުނެފައި ވަނީ މުސްލިމުންގެ ބިމެއް ނިމުމެއް ނެތް ގޮތަށް ދޫކޮށްލުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބިއޮތް ކަމަށާއި، މަޝްރޫއު އިތުރަށް ކުރިއަށް ގެންދަންވާނީ އަލުން ނެގޯޝިއޭޓްކޮށްގެން ކަމަށްވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

މި ދިރާސާގެ ކަރުދާސް ފައިނަލްކޮށް އާންމުކުރުމަށް ހަމަޖެހިފައި ވަނީ އިލްމުވެރިންގެ ފީޑްބެކް ހިމެނުމަށްފަހުގަ އެވެ.

އިލްމުވެރިންގެ ގުޅުމުން ސަލަފުގެ އިސް ބޭފުޅުން ވަކިވެވަޑައިގެންނެވިއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަލަފް ޖަމިއްޔާއިންވެސް ދަނީ މައުލޫމާތު ހޯދައި ދިރާސާ ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް ކުރާކަން ހާމަކުރިފަހުން 3 ހަފުތާ ވެފައިވާއިރު، އެ ޖަމިއްޔާއިން އިން ވަކި ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުން ސެޕްޓެމްބަރު 21 ގައި އީގަލް ހިލްސްއާއެކު ސޮއިކުރި ސިއްރު އެގްރިމެންޓުގެ ދަށުން ރަސްމާލެ ދެނީ އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ. އަދި ނޮވެމްބަރު 11 ގައި ދާއިމީ އެގްރިމެންޓުގައި ސޮއިކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.