ކުޑަކުދިން ބޮޑެތި ވަމުން އަންނައިރު ބެލެނިވެރިން ގެންގުޅޭ ތަރުބިއްޔަތު ކުރުމުގެ ބައެއް އުކުޅުތަކުން އެ ކުދިންގެ ހަޔާތުގައި ޑިޕްރެޝަންއާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެގޮތުން ޅަފަތުގައި ކުދިންނަށް ތަރުބިއްޔަތު ކުރުމުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކުރުމުގެ ވައްޓަފާޅި ނުވަތަ "ޖެންޓްލް ޕޭރެންޓިންގް" ގެންގުޅުމަކީ ބޮޑުވަމުން އަންނައިރު އެކުދިން ނަފްސާނީ ބަލިތަކުން، ހާއްސަކޮށް ޑިޕްރެޝަންއިން ދުރު ކޮށްދޭ ކަމެއް ކަމަށް އެ ދިރާސާގައިވެ އެވެ.

ޖެންޓްލް ޕޭރެންޓިންގްއަކީ ކުދިންނަށް އަދަބުދީ ހަރުކަށިކޮށް ކަންކަން ކުރުވުމުގެ ބަދަލުގައި، އެކުދިންގެ އިޙްސާސްތައް ދެނެގަނެ، ހަމޖެހިގެން ވާހަކަ ދައްކައި، އިޙްތިރާމާއެކު އުސޫލުތައް ކަނޑައެޅުމުގެ ތަރުބިއްޔަތެކެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ޅަފަތުގެ އުމުރުގައި މައިންބަފައިންގެ ފަރާތުން އޯގާތެރިކަމާއި އިހްސާސްތައް ބަލައިގަތުމުގެ މާހައުލެއް ލިބޭ ކުދިންގެ ސިކުނޑީގައި އިހްސާސްތައް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ވަރުގަދަވެ އެވެ.

މީގެ ސަބަބުން އެކުދިން ބޮޑެތިވަމުން އަންނައިރު ދިމާވާ ނަފްސާނީ ގޮންޖެހުންތަކާއި، ސްޓްރެސް އަދި ނުތަނަވަސްކަން ފަސޭހައިން ތަހައްމަލުކު ރުމުގެ ހިތްވަރު ލިބިގެންދެ އެވެ.

ހަމައެއާއެކު ހަރުކަށި ތަރުބިއްޔަތުގެ ސަބަބުން ކުދިންގެ ހިތުގައި އުފެދޭ ބިރުވެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން ފަދަ ކަންކަމުން މިފަދަ ކުދިން ރައްކާތެރި ކޮށްދެ އެވެ.

ކުދިންގެ ކުށްތަކަށް ހަރުކަށިކޮށް އަދަބު ދިނުމުގެ ބަދަލުގައި އެކަން ދިމާވާން ޖެހުނު ސަބަބު ކިޔައިދީ، މަގު ދައްކައިދިނުމުން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ އެވެ.

ސިއްހީ މާހިރުން ފާހަގަ ކުރައްވާ ގޮތުގައި، ޖެންޓްލް ޕޭރެންޓިންގްއަކީ ކުދިންނަށް ބޭނުންހާ ކަމެއް ކުރަން ދޫކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ސާފު، އެއްގޮތެއްގައި ހިފެހެއްޓޭ އުސޫލުތަކެއް ކަނޑައަޅައި، އެ އުސޫލުތަކަށް އޯގާތެރިކަމާއެކު ކުދިން އަހުލުވެރި ކުރުވުމެވެ. ޅަފަތުގައި އަޅާ ބިންގާއަކީ ކުއްޖާގެ މުޅި އުމުރަށްވެސް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްދޭ މުހިންމު ބިންގަލެކެވެ.