ކުރަންޖެހޭ މުހިންމު ކަންކަން ހުރެ، އެކަންކަން މާދަމާއަށް ނުވަތަ ފަހުގެ ވަގުތަކަށް ފަސް ކުރުމުގެ އާދައަކީ އަހަރުމެންގެ ތެރެއިން ގިނަ މީހުންގެ އާދަ އެކެވެ.

މިއީ ހަމައެކަނި ކަންނެތް ކަމުން ނުވަތަ ވަގުތު މެނޭޖް ކުރަން ނޭނގިގެން ވާ ކަމެއް ނޫން ކަމަށާއި، މިއީ ނަފްސާނީ ގޮތުން އިޙްސާސްވާ ކަންކަމުން ރެކެން އުޅޭ އުޅުމެއް ނަފްސާނީ މާހިރުން ބުނެ އެވެ.

ކަންކަން ފަސްކުރެވެނީ ކީއްވެ؟

ކުރަންޖެހޭ މަސައްކަތެއް ބޮޑުވެ، އުނދަގޫވެ، ނުވަތަ އެ މަސައްކަތުން ނާކާމިޔާބީއަކާ ކުރިމަތިވެދާނެ ކަމުގެ ބިރުހީވާ ހިނދު، ސިކުނޑިން އެކަންކަމަށް ފަސޭހައިން އިންކާރުކުރެ އެވެ.

އެކަން ފަސްކުރުމުން ވަގުތީ ގޮތުން ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ފަހުން އެކަމުގެ ސަބަބުން އިތުރު ނުތަނަވަސްކަމާއި ބުރަކަން ކުރިމަތިވެ އެވެ. މީގެ އިތުރުން، ޕާފެކްޝަނިޒަމް (ހުރިހާ ކަމެއް ފުރިހަމަކޮށް ކުރަން އުޅުން)ގެ ސަބަބުންވެސް މަސައްކަތް ފަށަން ފަސްޖެހެވެ އެވެ.

ހަމަ އެއާއެކު މުސްތަގުބަލުގައި ލިބޭނެ ފައިދާއަށްވުރެ މިހާރު ލިބޭ އުފަލާއި ހިތްހަމަޖެހުމަށް ސިކުނޑި އިސްކަން ދިނުމަކީވެސް މިކަމަށް މެދުވެރިވާ ސަބަބެކެވެ.

މިސާލަކަށް އިމްތިހާނަކަށް ކިޔެވުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން ފަދަ ކަންކަން އިސް ކުރެވެނީ މި ސަބަބާ ހުރެ އެވެ.

މިކަމުން ސަލާމަތްވާނީ ކިހިނެއް؟

މިކަމުން އަރައިގަތުމަށްޓަކައި އަމިއްލަ ނަފްސަށް މާބޮޑަށް ބާރުބޮޑު ކުރުމުގެ ބަދަލުގައި، ބޮޑެތި މަސައްކަތްތައް ކުދި ބައިތަކަށް ބަހާލައިގެން ކުރުން މުހިއްމެވެ.

އޭގެ އިތުރުން ފުރިހަމައަށް ނުވިޔަސް ފެށުމުގެ ރޫހު ގެންގުޅުމަކީ މިކަމަށް އޮތް ފަސޭހަ ހައްލެކެވެ. ނަމަވެސް މި މައްސަލަ މާ ބޮޑުވެ ދުވަސްވީ އާދައަކަށްވެއްޖެނަމަ، ނަފްސާނީ މާހިރެއްގެ ލަފާ ހޯދުން އެދެވިގެންވެ އެވެ.