އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް މާލޭގައި ފިތުރު އީދުގެ ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މޫސުން ތަންދޭނަމަ މިފަހަރު ވެސް ބޮޑު ޖަމާއަތުގައި ނަމާދުކުރާނެކަން ފާހަގަކޮށް، އެ މިނިސްޓްރީން ބުނީ، މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި ކަމަށެވެ.

ހަމައެހެންމެ މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގަ އެވެ. އަދި ވިލިމާލޭގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ ވިލިމާލެ ބަނދަރު ސަރަހައްދުގަ އެވެ.

މިނިސްޓްރީން ވަނީ އީދު ނަމާދު ކުރަން ދާއިރު، ބައެއް ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ނަމާދަށް ދާއިރު، ގެއިން ވުޟޫ ކުރުމަށާއި، އަމިއްލަ މުސައްލައެއް ގެންދިއުމަަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށާއި، ފައިވާންލުމަށް ޕްލާސްޓިކް ނޫން ކޮތަޅެއް ބޭނުންކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހުނު ނަމަވެސް އެކަމަށް މޫސުން ތަން ނުދޭނަމަ ނަމާދު ކުރުން ކުރިއަށް ދާނީ މިސްކިތްތަކުގައި ކަމަށެވެ.