އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

މައްކާގައި އުމްރާގެ އަޅުކަން ކުރަން ގޮސްހުއްޓައި ނިޔާވީ ބ. އޭދަފުށި ބަގީޗާގެއަށް ނިސްބަތްވާ އަބޫބަކުރު ހަސަން ނަމަކަށް ކިޔާ އުމުރުން 76 އަހަރުގެ މީހެކެވެ.

ބ.އޭދަފުށި ކައުންސިލުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ، އަބޫބަކުރު ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ނިޔާވީ މައްކާގެ ހަރަމްފުޅުގައި ނަމާދުކޮށްގެން ހޮޓަލަށް ބަހުގައި ދިޔަ މަގުމަތީގައި ކަމަށް އެކައުންސިލުން ބުނެފައިވެ އެވެ.

އެ ކައުންސިލުން އިތުރަށް ބުނީ، އަބޫބަކުރު އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވަނީ މުސާފިރީންގެ އުމްރާ ގުރޫޕާއި އެކުގައި ކަމަށެވެ.

އެދަތުރުގައި އޭނާގެ ހުރިހާ އާއިލާ މެމްބަރުންވެސް އުމްރާއަށް ދިޔަ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން އުމްރާ އާއި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މުސްލިމުން ދާއިރު، ދަތުރުގައި މަދުން ނަމަވެސް މީހުން ނިޔާވެ އެވެ.