އަލްއަޤްޞާ މިސްކިތާއި ޙަރަމުއްޝަރީފްގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތައް ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެއިން ދިން ބަޔާނުގައި، ފަލަސްތީނުގައު ބިންތަކުގައި ވަޒަންވެރިވެރިވެފައިވާ އިސްރާއީލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން، ފަލަސްތީން ރައްޔިތުންގެ ހައްޤުތައް ގެއްލި، އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭކަން ފާހަގަކުރި އެވެ. އަދި މިފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތް އަވަސްކޮށް، ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒުކުރުން އަވަސްކުރަން ޖެހޭކަން އެނގިގެން ދިޔަކަމަށް ރާއްޖެއިން ފާހަގަކުރި އެވެ.

ސަލާމަތީ މަޖިލީހުގެ ޤަރާރުތަކުން، ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފުމާއި، ހުރުމަތްތެރިވެގެންވާ ބައިތުލްމަޤްދިސް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމާއި، ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައި، އެރަށަށް އެމްބަސީތައް ބަދަލުކުރުން، މިކަންކަމަކީ ބާތިލް އަދި ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށް ނިންމާފައިވާކަން ރާއްޖެއިން ފާހަގަކުރި އެވެ. އަދި ހަމައެއާއެކު، 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައި ނުގަތުމަށް ސަލާމަތީ މަޖިލީހުގެ 2334 ވަނަ ޤަރާރުން ފާސްކޮށްފައިވާކަންވެސް ފާހަގަކުރި އެވެ. އަދި މި ޤަރާރުތަކަށް އަމަލުކޮށް، ޤަރާރުތަކަށް ޤައުމުތަކުން ބޯލަނބާތޯ ސަލާމަތީ މަޖިލީހުން ކަށަވަރުކުރަން ޖެހޭނެކަމަށާއި، އެމަޖިލީހާއި މެދު އޮންނަ އިތުބާރު ބިނާވެފައިވަނީ އެކަމަށްކަމަށްވެސް ދިވެހރާއްޖެއިން ހާމަކުރި އެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުން އިއްޔެވެސް ސަލާމަތީ މަޖިލީހުގައި ވަނީ ތަކުރާރުކޮށްފަ އެވެ.