ގޫގުލް ކްރޯމްއަށް ނުރައްކާތެރި ސައިބާ އެޓޭކްއެއް ކުރިމަތިވެ ހެކް ކުރެވިފައިވާ ކަމަށް ގޫގުލްއިން ބުނެފި އެވެ.
އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެކަރުންތަކެއް ކާމިޔާބުކަމާއެކު ގޫގުލް ކްރޯމް ހެކް ކުރުމާއެކު އެ ސޮޕްޓްވެއާގައި ހުރި ސެކިއުރިޓީގެ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާހަގަ ކުރެވުނު 30 މައްސަލައިގެ ތެރެއިން ހަތް މައްސަލައަކީ ވަރަށް ނުރައްކާ މައްސަލަތަކެއް ކަމަށް އެކުންފުނިން ބުނެ އެވެ.
މިއާއެކު އެ މައްސަލަތައް ހައްލުކޮށް އާ އަޕްޑޭޓެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.
އޮޓޮމެޓިކް އަޕްޑޭޓެއް ކުރިއަށް އޮތް ދުވަސްތަކުގައި ލިބުނު ނަމަވެސް ކްރޯމް ބޭނުންކުރާ ފަރާތްތަކުން މިހާރު ވެސް ސެޓިންގްސް މެދުވެރިކޮށް އަޕްޑޭޓް ކުރަން އެކުންފުނިން ލަފާދެ އެވެ.
ކްރޯމް ހެކްކޮށް ސައިބާ އެޓޭކެއްކުރީ ކޮން ފަރާތަކުންކަން އެނގިފައިނުވާއިރު އެކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަހަކަށް އައިސް ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ސައިބާ އެޓޭކް ކުރިމަތިވާ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. -- ޑެއިލީ މެއިލް