އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަށް އަމަލުކުރުން ވަގުތީގޮތުން ފަސްކޮށްދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ފުލުހުންގެ ބޯޑުން ހަތް ފުލުހުންގެ ހަތް އޮފިސަރަކު ވަކިކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ލަފާދީފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ. އޭގެތެރޭގައި ޖަމްޝީދާއި ޓޫފޯ ވެސް ހިމެނެ އެވެ.
ވަޒީފާއިން ވަކިކުރި މައްސަލަ އެބޭފުޅުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ނިމެންދެން ވަޒީފާއިން ވަކިނުކުރުމަށް އަމުރެއް ނެރެދިނުމަށް އެދުނަސް ސިވިލް ކޯޓާއި ހައި ކޯޓުން އެފަދަ އަމުރެއް ނެރެނުދިނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ ވަގުތީ އަމުރަކީ މައްްސަލަ ނިމެންދެން ދެވޭ ވަގުތީ ފަރުވާއަކަށް ވާއިރު، ޖަމްޝީދާއި ޓޫފޯ ވަކިކުރުމުގެ ނިންމުން ބާތިލް ކުރުމަކީ އަސްލު މައްސަލަ ނުނިމެނީސް ވަގުތީ ގޮތުން ދެވޭނެ ފަރުވާއެއް ނޫން ކަމަށެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ވަޒީފާއިން ވަކިކުރަން ނިންމާފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
އެބޭފުޅުން ވަޒީފާއިން ވަކިކުރީ ސިޔާސީ ނުފޫޒުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.