އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ޚިޔާލީ ބަޖެޓެއް ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ބަޖެޓަށް ވަރަށް ބޮޑަށް ފާޑް ވިދާޅުވެއްޖެ އެވެ.

ބަޖެޓް ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ މިބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ނުފެތޭ ޚިޔާލީ ބަޖެޓެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ނުފޯރާ ފޮތިން ފޫގަޅަންވީ ވަގުތެއް ނޫން ކަމަށާއި ރައްޔިތުންނަށް ބަޖެޓް އޮތްގޮތް ސާފުކޮށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށެވެ.

"ރިހޭ ފައިމައްޗަށް ފޮއި ވެއްޓިގެން އަނެއްކާ ވެސް 12 ފޮއި ވެއްޓި މިޙާލަތުގައި ބޯޅަދަނޑު ހަދާ ވާހަކައެއް ނޫން ދައްކަންވީ،" އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހުރި ބައެއް މަޝްރޫއުތަކަށް ފާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މައިގަނޑު ސިޔާސަތަކީ ލާމަރުކަޒު ކުރުން ކަމަށާއި މިބަޖެޓުން އެސިޔާސަތެއް ވެސް ނުފެންނަ ކަމަށެވެ. އެމްޑީޕީން ވަކާލާތު ކުރަމުންދިޔައީ ޖަޒީރާ ރާއްޖެއަށް ކަމަށާއި އެމްޑީޕީގެ ތަސައްވުރަކީ ނޫ އިގްތިސާދުގެ ތަސައްވުރު ކަމަށާއި އެކަމަށް ވަކާލާތުކޮށް އަޑު އުފުލި ގިނަ މެމްބަރުން މަޖިލިސްގައި ތިއްބެވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކުޑަކުޑަ ރަށެއްގައި ނަރުދަމާ އަޅަން 40 މިލިއަން ރުފިޔާ ބަޖެޓުގައި އެކަމަކު ޖަރުމަނު މީހުން ލައްވާ ހަމަ އެވަރުގެ ރަށެއްގައި 10 މިލިއަނަށް ނަރުދަމާ އެޅޭ ކަމަށާއި އާޚިރުގައި ރައްޔިތުންނަށް ނަރުދަމާގެ ހޮޅިކޮޅު ވެސް ނުލިބޭ ކަމަށް ވައްޑެ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ މެމްބަރުންނަށް ބަޖެޓާ ބެހޭ ތަފުސީލް ދެއްވަނީ. ފޮޓޯ: މަޖްލިސް

ބަޖެޓުގެ ވަކިވަކި ދާއިރާތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވައުދުވެ ކުރުމަށް އަމާޒުހިފާފައިވާ ކަންކަން ބަޖެޓުން ނުފެންނަ ކަމަށެވެ. ބަޖެޓު އެއްކޮޅުން އަނެއްކޮޅަށް ކިޔައިލުމުން ވެސް ފެނިގެންދަނީ ވަރަށް ނާއުންމީދީ މަންޒަރުތަކެއް ކަމަށެވެ. ގައުމުގެ އިގްތިސާދު އޮތް ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ އަތުން އިތުރު ފީއާއި، ޓެކްސްނަގައި ދައުލަތް ހިންގަން އުޅުމަކީ އެމްޑީޕީން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކާއި ޚިލާފު ކަމެއް ކަމަށް ވަހީދު ވިދާޅުވި އެވެ.

"މަސްވެރިކަމުގެ ބިލެއް ފާސްކޮށްފިން މިތަނުން. ޢިއްޒަތްތެރި ރައީސް މިވާހަކަ ދައްކަން މިހާރު ލަދުވެސް ގަނޭ،" މަސްވެރިންގެ ހާލަތަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވި އެވެ. އަދި މިއަދު މި ޙާލަތުގައި މިވާހަކަ މިދައްކަނީ ހިތާމައާއި ލަދުވެތިކަމާއެކު ކަމަށާއި މިދިޔަ އަހަރުގެ ބަޖެޓުން އޭނާގެ ދާއިރާއަށް ކޮށްދޭން ކަނޑައެޅި ކަންކަންވެސް ނުކުރެވޭ ކަމަށާއި ހުރިހާ ދާއިރާތަކަށް އިންސާފުވެރިވުމަށް އޭނާ ގޮވާލެއްވިއެވެ.

އެމްޑީޕީ ވެރިކަމަށް އައީ ސެޒް ހަދާކަށް، ބްރިޖް އަޅާކަށް ބޮޑެތި އުސް ޢިމާރާތްތަށް އަޅަން ނޫން ކަމަށާއި ވެރިކަމަށް އައީ ޖަޒީރާ ރާއްޖެއެއް ހޯދައިދޭން ކަމަށް ވެސް ވިދާޅުވި އެވެ.