ކާޑޭޝިއަން އާއިލާއަށް ނިސްބަތްވާ ރޮބް ކާޑޭޝިއަންއަށް އޭނާގެ ކުރީގެ އަންހެނުން ބްލެކް ޗައިނާ އަނިޔާކުރި ކަމަށް އޭނާ ބުނެފި އެވެ.

ބްލެކް ޗައިނާގެ ރިއާލިޓީ ޝޯއެއް ހިންގުމަށް ކާޑޭޝިއަން އާއިލާއިން ހުރަސްއެޅިކަމަށް ބުނެ 100 މިލިއަން ޑޮލަރު ޗައިނާއަށް ދިނުމަށް ދައުވާކުރަން އެމެރިކާގެ ސިވިލް ކޯޓަށް އޭނާ މައްސަލަ ހުށަހަޅާފައިވާއިރު، ޗައިނާގެ ކުރީގެ ފިރިމީހާ ރޮބް ވަނީ ކޯޓުގައި ޗައިނާ އޭނާއަށް ކުރި އަނިޔާތައް ހާމަކޮށް އިތުރަށް ބޭޒާރުކޮށްލާފަ އެވެ.

މައްސަލައިގެ އަޑުއެހުމުގައި ރޮބް ވަނީ އޭނާގެ ކުރީގެ އަންހެނުން އަނިޔާ ކުރި ގޮތް ހާމަކޮށްފަ އެވެ.

އެގޮތުން ދަގަނޑު ހޮޅިން އޭނާގެ ގައިގައި އެތައް ފަހަރަކު އަނިޔާކުރާ ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ކަރަށް އަނިޔާވި ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

އޭގެ އިތުރުން ދެފަހަރެއްގެ މަތިން ރޮބްގެ ބޮލުގައި މަރާލާނެ ކަމުގެ އިންޒާރުދީ، ބަޑި ޖައްސާފައިވާކަމަށްވެސް އޭނާ ތުހުމަތުކޮށްފައިވެ އެވެ.

އެތުހުމަތުތަކަށް ޗައިނާ ވަނީ އިންކާރުކޮށްފަ އެވެ. އޭނާ ބުނިގޮތުގައި ބަޑި ރޮބްގެ ބޮލުގައި ޖެއްސީ މަޖަލަކަށެވެ. ނަމަވެސް އެއަށް ރައްދުދެމުން ރޮބް ބުނީ، ބަޑި ޖެއްސި ދުވަހު ރުޅިއައިސް އޭނާގެ ގަމީސް އިރާލާ ހެދިކަމަށާއި، އެއީ މަޖަލަށް މީހުން ކުރާނެ ކަންތައް ތަކެއް ކަމަށް ނުދެކޭކަމަށް ބުނެފަ އެވެ.

ބްލެކް ޗައިނާ އަށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށްވެސް ރޮބް ތުހުމަތުކޮށްފައިވެ އެވެ.