ރާއްޖޭގައި ތިބި ބޭރު ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބެނާއެއް ޕީޕީއެމް އޮފީހުގައި އަނެއްކާ ވެސް ހަރުކޮށްފި އެވެ.

އިންޑިއާ އައުޓަށް ގޮވާލާ އިދިކޮޅުން ހަރުކުރަމުން ގެންދާ ބެނާތައް ތައްޔާރުކޮށްފައިވަނީ ކުރިއާ ތަފާތުކޮށެެވެ. މީގެ ކުރިން ސްޕެލިން ބަދަލުކޮށް އެ ދިދަ އާންމުކޮށްފައިވާއިރު، ރޭ ދަމާފައިވާ ބެނާ ތަކުގައި ޖަހާފައި ވަނީ ހަމައެކަނި "އައުޓް" އެކަންޏެވެ. އަދި ތައްޔާރުކޮށްފައިވަނީ އިންޑިއާ ދިދަ ސިފަވާހެންނެވެ.

އިދިކޮޅުން ބެނާތައް އަނެއްކާވެސް ހަރުކުރަން ފަށާފައިވަނީ މާލޭގެ އެކި ގެތަކުގައި ސްޕެލިން ބަދަލުކުރުމަށްފަހު ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން އެކި ފަހަރުމަތިން ނަގާފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ، އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލާ ދަމާ ބެނާތައް ދާނީ އިތުރުވަމުން ކަމަށެވެ.

އިދިކޮޅުން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވާފައިވާއިރު، އިދިކޮޅުން ވަނީ ބިރުދެއްކުމަށް ސަރުކާރުން ނެރޭ އެފަދަ ގަރާރަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.