ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ ފިލްމު އެކުއާމޭންގެ ދެވަނަ ބަޔަށް އެކްޓަރު އެމްބާ ހާޑް ނުނެގުމަށް ފޭނުން ހެދި ޕެޓިޝަނުގައި މިލިއަނެއްގައި މީހުން ސޮއިކޮށްފި އެވެ.

ހޮލީވުޑްގައި އެންމެ ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެމްބާ ހާޑް އާއި ޖޯނީ ޑެޕްގެ ކޯޓު މައްސަލަ ހިމެނޭއިރު، އެ މައްސަލައިގެ ތެރެއިން އެމްބާ ހާޑްގެ ގިނަ ސިއްރުތަކެއް ފަޅާއަރައި އާންމުންގެ ތެރޭގައި އޭނާ ވަނީ ބޭޒާރުވެފަ އެވެ.

އެގޮތުން ޖޯނީ ޑެޕް، އޭނާ އަށް ޖިސްމާނީ އަދި ޖިންސީ ގޮތުން އަނިޔާކުރިކަމަށް ސޯޝަލްމީޑިއާގައި ފެތުރި ހަބަރުތަކާއި ގުޅިގެން ޖޯނީ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. އަދި މައްސަލަ ބެލުބެލުމުގައި ހާމަވީ އެމްބާ، ޖޯނީއަށް އަނިޔާކުރިކަމެވެ.

އެމްބާ ވަނީ ބިއްލޫރި ދެ ފުޅި ޖޯނީއާ ދިމާލަށް އެއްލުމުގެ ތެރޭގައި ޖޯނީގެ މެދުވާ އިނގިލީގެ ބައެއް ކަށިތައް ހާމަވާ ވަރަށް ވަކިކޮށްލާފަ އެވެ. އަދި އެނޫންވެސް އިތުރު ގޮތްގޮތުން އެމްބާ އޭނާގެ ކުރީގެ ފިރިމީހާ ޖޯނީއަށް އަނިޔާކުރިކަން ކޯޓުގައި ހާމަވެފައިވެ އެވެ.

މިކަން އިނގިރޭސި ނޫސްތަކުގެ ފަލަސުރުހީގައި ފާހަގަވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެމްބާގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އަދި ޖޯނީ އަށް ލިބެންވާ ހައްގު ލިބިދިނުމަށް ގޮވާލައި އާންމުން ވަނީ ޖޯނީއަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން އެމްބާއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު، އާންމުން ބޭނުންވީ އޭނާ ކުޅުނު ފިލްމު އެކުއާމޭންގެ ދެވަނަ ބައިގެ ރޯލު އޭނާއަށް ނުދިނުމަށެވެ. އަދި އެރޯލު ކުޅުމަށް އޭނާ ގާބިލު ނުވާކަން ފާހަގަކޮށް އާންމުން ވަނީ އެމްބާ ފިލްމުން ވަކިކުރަން އެއް މިނިއަނަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

އެމްބާގެ އެ އަމަލުތަކަށް ސޯޝަލްމީޑިއާގައިވެސް އެކި ގޮތްގޮތުން އާންމުން ފާޑުކިޔަމުންދެ އެވެ.