މާލޭގައި ހިންގި ދެމާރާމާރީއެއްގައި ބަޔަކު ޒަހަމް ކޮށްލައިފި އެވެ.

އެންމެ ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި މާވެޔޮ މިސްކިތް ކާރިން ކަމަށް މީޑިއާތަކުން މައުލޫމާތުދީފައިވެ އެވެ. އެ މާރާމާރީގައި ދެ މީހަކު ޒަހަމްވެފައިވެ އެވެ.

އޭގެ އިތުރުން ދެވަނަ މާރާމާތީ ހިންގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޖަނަވަރީ މަގާއި މަޖީދީ މަގު ދިމާވާ ސަރަހައްދުގަ އެވެ. އެ މާރާމާރީގައި ވެސް ޒަހަމްވެފައި ވަނީ ދެ މީހެކެވެ.

ޒަހަމްވި މީހުންގެ ތެރެއިން އެކަކުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވާން ފަށާފައިވާ އިރު، ފުލުހުންނާއި އާންމުން އެކީގައި އޭނާ ނަގައިގެން ޕިކަޕަކަށް ލައިގެން ގެންދާ މަންޒަރު ފެނިގެންދެ އެވެ. އެ ހާދިސާގައި ޒަހަމްވި ދެވަނަ މީހާގެ ހާލަތެއް ސާފުވެފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކޯރުކެނޑި މަގު މާވެޔޮ މިސްކިތް ކައިރީގައި މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ރޭ ފަތިހު 5:48 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި އަނިޔާވި ދެމީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ ދެވަނަ މާރާމާރީ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހެނދުނު 9:17 ގައި ކަމަށެވެ. އަދި ޒަހަމްވި ދެ މީހުންނަށް ވެސް އޭޑީކޭގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.