ހުޅުމާލޭ ރެސްޓައުރެންޓެއްގެ ތެރޭގައި އެތަނުގެ ވެއިޓަރަކު މަރާލި ޕާކިސްތާނުގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހާންޖީ ރެސްޓޯރަންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޕާކިސްތާނުގެ މުހައްމަދު އާބިދު ހޯދަން ފުލުހުން އިއުލާންކޮށްފައި ވަނިކޮށް ހުޅުމާލޭ ފޭސް 2 ގެ އަތިރިމަތީގައި ހުއްޓާ އޭނާ ހޯދައި ބަންދުކޮށްފައިވާއިރު، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުޅުމާލެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

އެ މުއްދަތު ހަމަވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އަނެއްކާ ވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އެ ހާދިސާގައި މަރުވި ބަންގްލަދޭޝްގެ މީހާގެ ކަރަށާއި ގައިގެ އެކި ތަންތަނަށް ވަނީ ވަޅިން ހަމަލާދީފަ އެވެ.

ހަމަލާދޭން ބޭނުންކުރީ ބަދިގޭގައި ގެންގުޅޭ ވަޅިއެއް ކަމަށް އެތަނުގައި މަސައްކަތްކުރި މީހަކު ބުންޏެވެ.

އޭނާ މަރާލުމުގައި އެތަނުގައި ދެން ތިބި ޕާކިސްތާންގެ އިތުރު މީހުންގެ ބައިވެރިވުން އޮތް ކަމަށް މަރާލި މީހާގެ ރަހްމަތްތެރިން ތުހުމަތު ކޮށްފައިވެ އެވެ.