މައުތް ވޮޝް އިން އަނގަ ދޮންނަތާ 19-30 ސިކުންތުގެ ތެރޭގައި އަނގަ ތެރޭގައި ހުންނަ ކޮވިޑް-19 ޖައްސާ ވައިރަސް އެއްކޮށް މަރުވާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަސިޓީގެ ސައިންވެރިންތަކެއް ހެދި މި ދިރާސާއިން ދައްކާ ގޮތުގައި ސެޓައިލްޕިރިޑިނަމް ކްލޮރައިޑް (ސީޕީސީ) ގެ އެންމެ މަދުވެގެން 0.07 އިންސައްތަ ހިމެނޭ މައުތު ވޮޝްއިން އަނގަދޮވުމުން ވައިރަސް އެހެން މީހުންނަށް ފެތުރޭ މިންވަރު ދަށްވެ އެވެ.

އަދި ޕިއާ ރިވިއު ކޮށްފައިނުވާ މި ދިރާސާގެ ޕްރިލިމިނަރީ ރިޕޯޓުން، މިދިޔަ ހަފްތާގެ ތެރޭގައި ޝާއިއުކޮށްފައިވާ ރިޕޯޓަކަށް ބާރުދެ އެވެ. އޭގައި ވެސް ވަނީ ސީޑީސީ ހިމެނޭ މައުތް ވޮޝްއިން އަނގަ ދޮވުމުން ކޮރޯނާވައިރަސް ޖެހިފައި ތިބޭ މީހުންގެ އަދަދު މަދުވާ ކަމަށެވެ.

ކާޑިފްގައި ހުންނަ ޔުނިވަސިޓީ ހޮސްޕިޓަލް އޮފް ވޭލްސްއިން މިހާރު ދަނީ މައުތު ވޮޝް އިން ކޮވިޑް-19 ޖެހިފައި ތިބޭ މީހުންގެ ކުޅުގައި ހުންނަ ކޮރޯނާވައިރަސް މަދުކޮށްދޭތޯ ބެލުމަށް ކްލިނިކަލް ޓްރަޔަލް ތަކެއް ހެދުމަށް ތައްޔާރުވަމުންނެވެ. މި ޓްރަޔަލްގެ ނަތީޖާ ތައް 2021 ވަނަ އަހަރުގެ ކުރީކޮޅު ޝާއިއުކުރެވޭނެ ކަމަށް ބެލެވެ އެވެ.