ދުނިޔޭގައި މިހާރު އޮތް ހަމައެކަނި ހުދު ޖިރާފް، ކެންޔާގެ ޝިކާރަވެރިންގެ ކިބައިން ސަލާމާތްކުރުމަށް، އޭގެ ގައިގައި ޖީޕީއެސް ޓްރެކިން ޑިވައިސްއެއް ހަރުކޮށްފި އެވެ.

މިއަހަރުގެ މާޗް މަހުގެ ތެރޭގައި ޝިކާރަވެރިން ވަނީ އަންހެން ހުދު ޖިރާފްއަކާއި އޭގެ ދަރިފުޅު މާރާލާފަ އެވެ. އެއާއެކު މިހާރު ދުނިޔޭގައި އޮތް ހަމަ އެކަނި ހުދު ޖިރާފްއަކީ މިއީ އެވެ.

ޖީޕީއެސް ޓްރެކިން ޑިވައިސް ހަރުކޮށްފައި ހުންނާނީ ޖިރާފްގެ އެއް ދަޅަށެވެ. މި ޑިވައިސް އިން ކޮންމެ ގަޑިއިރަކުން އެއް ފަހަރު އޭގެ ލޮކޭޝަން އަންގައިދޭނެ ކަމަށް އިޝަގްބިނި ހިރޯލާ ކޮމިޔުނިޓީ ކޮންސަވެންސީ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.

މި ޖިރާފްގެ ގައިގައި ހުންނަނީ ވަރުން މަދުން ނުފެންނަ ޖެނެޓިކް މައްސަލައެއް ކަމަށްވާ ލިއުސިސަމް އެވެ. މީގެ ސަބަބުން ޖަނަވާރުންގެ ގައިގެ ބައެއް ހިސާބުތަކުގައި ޕިގްމެންޓޭޝަން ނުއުފެދެ އެވެ. މީގެ ސަބަބުން ގިނަ ޝިކާރަވެރިންނަށް މި ޖަނަވާރުތައް ފާހަގަކުރަން ފަސޭހަވެގެންދެ އެވެ.