އަވަށްޓެރި ސްރީލަންކާއިން ގެއްލިގެން ހޯދާ ދިވެހި މީހާގެ ހަބަރެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ލަންކާއިން ގެއްލިގެން ހޯދަނީ 62 އަހަރުގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ ފިރިހެނެކެވެ.

އެގޮތުން ނިމިދިޔަ އީދު ދުވަހު ހެނދުނު ދެހިވަލަ މިސްކިތަށް ނަމާދު ކުރަން ދިޔަ ކަމަށާއި، އެއަށްފަހު އޭނާގެ އެއްވެސް ހަބަރެއް ނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އިބްރާހިމްގެ ހަބަރެއް ނުވުމާ ގުޅިގެން އޭނާގެ އާއިލާއިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އިބްރާހިމް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުގައި އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓްރީގެ ބުނެފައިވެ އެވެ.

އިބްރާހިމް ގެއްލިގެން ހޯދަން ފަށާފައިވާއިރު، ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން، އިބްރާޙިމްގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.