ނިކް ޖޯނަސް، އޭނާގެ ދަރިފުޅާ އެކުގައި ގުޅުން ބަދަހި ކުރީ ލަވަ ކިޔައިދީގެންކަން ހާމަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ޕްރިޔަންކާ ޗޯޕްރާ ވަނީ، ހޮސްޕިޓަލުގައި ހޭދަކުރަން ޖެހުނު ހިތްދަތި ދުވަސްތައް ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ.
އެގޮތުން ޕްރިޔަންކާ އާއި ނިކްގެ ދަރިފުޅު، މާލްތީ، ހާލުދެރަވެ ހޮސްޕިޓަލުގައި 100 ދުވަސް ހޭދަކުރަން ޖެހުނު ކަމަށާއި، އެކަމުން އަރައިގަތުމަށް އެހީވެދިން ޑޮކްޓަރުންނަށާއި ނަރުހުންނަށް އެ ދެމަފިރިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ނަމަވެސް ގެއަށް ބަދަލުވުމަށް ފަހު ދަރިފުޅު މަސަލަސްކުރުމަށް އުނދަގޫވިކަން ފާހަގަކޮށް، ޕްރިޔަންކާ ވަނީ އައު މާހައުލަށް ހޭނުމަށްޓަކައި ދަރިފުޅަށް އަދިވެސް ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ނޫހަކުން ވަނީ ނިކް، އޭނާގެ ދަރިފުޅާއެކު ވަގުތު ހޭދަކުރާގޮތް ހާމަކޮށްފަ އެވެ. އެގޮތުން ނިކް، މާލްތީއަށް ލަވަ ކިޔައިދިނުމުން ދަރިފުޅު އޭނާގެ އަތްމަތީ އޮވެ ނިދާލާ ކަމަށް ބައެއް ނޫސްތަކަށް ނިކްގެ ބޭބެއިން ވަނީ މައުލޫމާތު ދީފަ އެވެ. އަދި އޭގެ ސަބަބުން ދަރިފުޅާއި ބައްޕައާ މެދުގައި މަޑުމަޑުން ގުޅުން ބަދަހިވަމުންދާ ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.
ޕްރިޔަންކާ އާއި ނިކްއަށް ދަރިއަކު ލިބުނުކަން އާންމުންނަށް ހިއްސާކޮށް ކަށަވަރުކޮށްދީފައި ވަނީ އެ ދެފަންނާނުންގެ އިންސްޓަގްރާމުންނެވެ. އެގޮތުން ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާ ކަމަށާއި، މިދަނޑިވަޅުގައި މީޑިއާތަކުގެ އެއްބާރުލުމަށް އެ ދެފަންނާނުން ވަނީ އެދިފަ އެވެ.