ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމަށް ހޯދާތާ ފަސް މަސް ފަހުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހޯދަމުން ދިޔައީ ކ. މާލެ ތަނބުރުގެ، މުހައްމަދު ބިޝާރު އިސްމާއީލް 41 އ. އެވެ.

ބިޝާރު ހައްޔަރުކޮށްފައިވަނީ މިއަދު 3:33 އެހާކަންހާއިރު ގއ. ކޮލަމާފުށިން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބިޝާރުއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ޖަނަވަރީ 19 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން ގއ، ގދ، ޏ، ސ. ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެއްކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން 2021 މެއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވެސް ވަނީ މުހައްމަދު ބިޝާރު އިސްމާއީލް ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ދައުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފަ އެވެ. އަދި ބިޝާރު ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2021 ޑިސެމްބަރު 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ، ދެމި އޮތް ކަމަށް ހުކުމްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.