ނިއުޒިލެންޑުގެ ފުލުހުންގެ ހިދުމަތަށް މުސްލިމް އަންހެނުން ޝައުގުވެރިކުރުވުމަށް ރަސްމީ ޔުނިފޯމާއެކު ބުރުގާ އެޅޭ ގޮތަށް ހަދައިފި އެވެ.

ނިއުޒިލެންޑުގައި ރަސްމީކޮށް ބުރުގާ އަޅާ ފުރަތަމަ ފުލުސް އޮފިސަރަކަށް ވާނީ ނިއު ރެކްރޫޓް ކޮންސްޓެބަލް ޒީނާ އަލީ އެވެ.

ފުލުހުންގެ ތަރުޖަމާނަކު ބުނިގޮތުގައި މުސްލިމު އަންހެން ފުލުހުންނަށް ބުރުގާ އެޅޭ ގޮތަށް ހަމަޖެއްސީ ފުލުހުންގެ މުއައްސަސާގައި އެއްވެސް ބަޔަކު ބާކީ ނުކޮށް އެ ގައުމުގައި އޮންނަ ގިނަ ނަސްލުގެ މީހުން ރަމްޒުކޮށްދިނުމެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ބަލާއިރު ލަންޑަނާއި ސްކޮޓްލޭންޑްގައި ވެސް ޔުނިފޯމާއެކު ބުރުގާ އެޅުމުގެ ފުރުސަތުދީފައިވެ އެވެ. އިނގިރޭސި ވިލާތުގައި މިކަން ތައާރަފުކޮށްފައިވަނީ 2006 ވަނަ އަހަރު އެވެ. އަދި ސްކޮޓްލޭންޑްގައި 2016 ވަނަ އަހަރު ތައާރަފްކޮށްފައިވެ އެވެ.

ނިއުޒިލެންޑުގެ ފުލުހުން ބުނި ގޮތުގައި ޔުނިފޯމާއެކު އަޅާނެ ބުރުގާއެއް ހެދުމުގެ މަސައްކަތް 2018 ވަނަ އަހަރު ވަނީ ފަށައިފަ އެވެ. އަދި އެ މަސައްކަތް ފެށީ ސެކަންޑަރީ ސްކޫލްތަކަށް ޒިޔާރަތްކުރި ފުލުހުންގެ ސްޓާފެއްގެ އެދުމުގެ މަތިންނެވެ.

ކޮންސްޓެބަލް ޒީނާ އަކީ އެންމެ ފުރަތަމަ މި ކަމަށް އެދުނު އެއް ފަރާތެވެ. ފިޖީއަށް އުފަން ކޮންސްޓެބަލް ޒީނާ ނިއުޒިލެންޑަށް ބަދަލުވެފައިވަނީ ޅަ އުމުރުގަ އެވެ.

ނިއުޒިލެންޑް ހެރަލްޑްއަށް ދެއްވި އިންޓަވިއުއެއް ބުނިގޮތުގައި ފުލުހުންގެ ހިދުމަތާ ގުޅެން ނިންމީ ކްރިސްޓްޗާޗާށް ދިން ޓެރެރިސްޓް ހަމަލާ އާ ގުޅިގެންނެވެ.

"އަހަންނަށް އިހުސާސްވީ މުސްލިމް އަންހެނުން ތިބީ ފުލުހުންގެ އެހީއަށް ބޭނުންވެފައިވާ ކަން،" އޭނާ ބުންޏެވެ.

"ނިއުޒިލެންޑްގެ ފުލުހުންގެ ޔުނިފޯމާއި އެކު ބުރުގާ އެޅޭތީ އެކަމާ ފަހުރުވެރިވޭ،" އޭނާ އިތުރަށް ބުންޏެވެ. "މި މަންޒަރު ފެނި ގިނަ އަންހެން ކުދިން ފުލުހުންގެ ހިދުމަތާއި ގުޅޭނެ ކަމަށް އުންމީދު ކުރެވޭ. -ބީބީސީ