ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ބޭރަށް ފުރާ ފަސިންޖަރުންގެ ބޫޓު ބާލައިގެން، ބޫޓު ވަކިން ސްކްރީން ކުރަން ފަށައިފި އެވެ.
އެއާޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީއާ ގުޅޭ ހުރިހާ އުސޫލުތަކެއް ހަދަނީ ވެސް އެ ކޮމާންޑުންނެވެ.
އޭވިއޭޝަން ސެކިއުރިޓީ ހަމަޖެއްސި އާ އުސޫލުގެ ދަށުން ވީއައިއޭއިން ބޭރަށް ފުރަންދާ ފަސިންޖަރުން ޑިޕާޗާ ހޯލަށް ވަންނައިރު ލަގެޖާއި ހުރިހާ ތަކެއްޗެއް ސްކްރީން ކުރާއިރު ބޫޓު ވެސް ބާލައިގެން ސްކްރީން ކުރަން މެޝިނަށް ލާން ޖެހެ އެވެ.
މިކަމާ ގުޅިގެން ރިސޯޓުތަކުގެ އެއާޕޯޓު ރެޕުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓުގެ އެއާޕޯޓު ރެޕަކު މިއަދު ބުނީ އޭވިއޭޝަން ސެކިއުރިޓީން ހެދި އާ އުސޫލުގެ ދަށުން ބޫޓު ބާލައިގެން ވަކިން ސްކްރީން ކުރަން ފެށުމުން ގެސްޓުންނަށް އެކަމާ ވަރަށް ހިތްނުޖެހިގެން ޝަކުވާކުރާނެ ކަމަށެވެ.
"މިހާރު މި އޮންނަ ގޮތުން ޗެކިން ކައުންޓަރާ ހަމަޔަށް ދެވެނީ ވެސް ބޫޓު ވެސް ބާލައިގެން ސްކްރީން ކޮށްގެން. އަޅުގަނޑުމެންނަށް ނޭނގެ މި އުސޫލު މި ނޫން އެއްވެސް ތަނެއްގައި ގެންގުޅޭ ކަމެއް. މި ސަރަހައްދުގެ ލަންކާ އާއި އިންޑިއާގެ ބައެއް އެއާޕޯޓުތަކުން ވެސް ބޫޓު ބާލައިގެން ބޫޓު ވަކިން ސްކްރީން ކުރޭ. އެކަމަކު އެ މީހުން ސްކްރީން ކުރަނީ ބޯޑިން ގޭޓުން،" އޭނާ ބުންޏެވެ.
އޭވިއޭޝަން ސެކިއުރިޓީން އަލަށް ހެދި އުސޫލާ ގުޅިގެން ބާރު ބޮޑު ގަޑިތަކުގައި ސްކްރީން ކުރާ ގޭޓް ދޮށުގައި ތޮއްޖެހި، ފަސިންޖަރުން ޗެކިން ނުކުރެވި ގިނައިރުތަކެއް ހޭދަކުރަން ޖެހޭނެ ކަމަށް ބުނެ ރިސޯޓުތަކުގެ ރެޕުން ޝަކުވާކުރެ އެވެ.
މިކަމާ ގުޅޭ ގޮތުން އޭވިއޭޝަން ސެކިއުރިޓީގެ ބަހެއް އަދި އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.
ތިއީ ރަނގަޅު ކަމެއް
މައުލޫމާތުގެ ސައްހަކަން ނުބަލާ މިފަދަ ވާހަކަތައް ނޫސްތަކުގައި ލިޔުމަކީ ވަރަށް ދެރަކަމެއް. ފިޔަވަޅު އެޅެންޖެހޭ ކަމެއް
ހާދަ އާވެގެން މިއުޅެނީ