މިދިޔަ ހޮނިހިރު ދުވަހު އޮތް މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި އިލެކްޝަންގެ ދެ ވޯޓް ކަރުދާހެއް އަލުން ޗެކް ކުރުމަށް ފަހު ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެ ބައި އިލެކްޝަން ވޯޓު އަލުން ގުނައިދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ނއ ހުށަހަޅާފައިވާއިރު، އިލެކްޝަނުން ވަނީ މީޑިއާ އާއި ދެ ޕާޓީގެ މަންދޫބުންގެ ކުރިމަތީގައި ވޯޓުތައް އަލުން ޗެކް ކޮށްފަ އެވެ.

އެގޮތުން އިލެކްޝަނުން ކުރިން ވެސް ގުނީ ރަނގަޅަށް ކަމަށާއި، އިތުރު އެއްވެސް ބަދަލެއް ނާންނަ ކަމަށް ވަނީ ނިންމާފަ އެވެ.

މި އިންތިހާބުގައި ވާދަކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއާއި، އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާ އެވެ. މި އިންތިހާބު ޕީޕީއެމްގެ ކެނޑިޑޭޓް ނާޒިމާ ކާމިޔާބުކޮށްފައިވާއިރު، އޭނާ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

މި އިންތިހާބުގައި ނާޒިމާއަށް ލިބުނީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބުނީ 358 ވޯޓެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.