އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ރޭ ބޭއްވި މުޒާހަރާގައި އެޕާޓީގެ އަންހެން ސަޕޯޓަރަކު ފަހަތުން ދުވީ ކާކުތޯ ބަލަން ޖެހޭކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ރޭގެ މުޒާހަރާގެ ވީޑިއޯއެއް އާންމުކުރިއިރު، އެ ވީޑިއޯގައި ސިފައިންގެ ފިރިހެނެއް، ޕީޕީއެމް އަންހެން ސަޕޯޓަރެއްގެ ފަހަތުން ދުވާ މަންޒަރު ފެނެ އެވެ. އަދި ސިފައިންގެ މީހާއަށް އެ އަންހެން މީހާ އަތުނުވުމުން، އެނބުރި އަންނަ މަންޒަރު ވެސް ފެނެ އެވެ.

އޭގެ ފަހުން ސައީދު ކުރެއްވި ދެވަނަ ޓުވީޓްގައި އޭނާ ވަނީ ނުހާ ނަމަކަށް ކިޔާ އެ އަންހެން މީހާ ނޭވާ ހާސްވެފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ސައީދު ކުރެއްވި ޓުވީޓްގައި އޭނާ ވަނީ ދިވެހި ސިފައިން އެފަދައިން ނޫޅޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްއެންޑީއެފް ޔުނީފޯމުގައި ތިބޭ އިންޑިއާ ސިފައިންނަށް ވެސް އެގޮތަށް އުޅެވިގެން ނުވާނެ ކަމުގައި އޭނާ ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން މިކަމުގެ ސަބަބުން 100 އަހަރުގެ ޝަރަފާއި ގަދަރުވެރި މުއައްސަސާއެއްގެ ތާރީޚުގައި ހުތުރު ލައްގަނޑެއް ޖެހޭކަށް ދިވެހި ސިފައިން ނޭދޭނެ ކަމަށާއި، ވުމާއެކު ސިފައިންގެ ޔުނިފޯމުގައި ދުވަނީ ކާކުތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދިޔައީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ގޮވާލާފައިވެ އެވެ.