ބޮލީވުޑްގެ ޒުވާން ހުނަރުވެރި އެކްޓަރު ކާތިކް އާރިޔަން އާއި ކިއާރާ އަދުވަނީ ލީޑް ރޯލް ފެނިގެންދާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އަކީ ކިހިނެއްވާ ފިލްމެއް ކަމެއް ނޭނގޭކަމަށް މަޝްހޫރު ތަރި އަކްޝޭ ކުމާރު ބުނެފި އެވެ.

"ބޫލް ބުލައްޔާ 2" އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ- ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. ހަމައެހެންމެ އެ ފިލްމުގައި އަކްޝޭ ދައްކުވައިދިން އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

އެހެންނަމަވެސް ބޫލްބުލައްޔާގެ ދެވަނަ ބަޔާ ގުޅޭގޮތުން އިންޑިއާގެ ނޫހަކުން އަކްޝޭއަށް ސުވާލުކުރުމުން ޖަވާބުގައި އޭނާ ވަނީ އެ ފިލްމާ ގުޅުން ހުރި އެއްވެސް ކަމެއް ނޭނގޭކަމަށް ބުނެފަ އެވެ.

2007 ވަނަ އަހަރު ނެރުނު ފިލްމަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު، މިފަހަރު ނެރުނު ސީކުއެލް ވެސް ކާމިޔާބު ވެގެންދާނެ ކަމަށް ޕްރޮޑަކްޝަނުން ލަފާކުރެ އެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ކާތިކް އާއި ކިއާރާގެ އިތުރުން ތައްބޫ މައިގަނޑު ރޯލުތަކުން ފެނިގެންދާނެ އެވެ.