ހުކުރު ދުވަހަކީ ކޮންމެ ގޮތަކަސް ބެލިކަމަށް ވިޔަސް ވަރަށް ހާއްސަ ދުވަހެކެވެ. ބުރަ ހަފްތާއެއް ނިންމާލުމަށް ފަހު އަރާމުކޮށްލާ، އާއިލާއާއެކީ ވަގުތު ހޭދަކޮށްލަން ލިބޭ ދުވަހެކެވެ. އެ ދުވަހު ގިނަ ގޭގޭގައި ކެއްކުމުގެ ފޯރިގަނޑު ވެސް ނިކަން ގަދަ އެވެ.

ރާއްޖޭގެ ގިނަ ގޭގޭގައި ހުކުރު ދުވަހަށް ހާއްސަކޮށް، ކޮންމެ ގޮތެއް ހަދާފައި ވިޔަސް ކުކުޅު ކެއްކުން އޮންނަނީ މަޖުބޫރު ކަމަކަށްވެފަ އެވެ. އެއީ ބަތްގަނޑެއް ނުވަތަ ރިހަ ގަނޑެއް ހަދާލި ކަމުގައި ވިޔަސް އަދި އޯޑަރު ކޮށްގެން ބޭރުން ގެނައި ކަމަށް ވިޔަސް ސުފުރާ މަތީގައި ކުކުޅު ނެތް ނަމަ ސުފުރާ ފަޅެއް ނުފިލާނެ އެވެ.

އާންމުކޮށް ގިނަ ގޭގައި ހުކުރު ދުވަހު ކައްކަނީ ކުކުޅު ރިހަ އެވެ. މަދުން މަދުން ތަފާތު ގޮތް ގޮތަށް ކުކުޅު ހަދާފައި ހުންނަ ފެނުނަސް ގިނައިން ހުންނަނީ ހަމަ ރިހަ ކައްކާފަ އެވެ.

މިއަދު ތިގޭގައި ކުކުޅު ހަދާލަން ވާނީ ތަފާތު ގޮތަކަށެވެ. މި ހިއްސާކޮށްލަނީ ރާއްޖޭގެ މަޝްހޫރު ޝެފް، ޖުވޭރިއާ ވަޖުދީގެ ބައެއް ރެސިޕީތަކެވެ.

ޓޮމާޓޯ ޗިކަން

ބޭނުންވާތަކެތި

1 ކުކުޅު ކޮށާފައި

2 ފިޔާ ( ތަންކޮޅެއް ބޮޑެތިކޮށް އަރިއަށްވާގޮތަށް ކޮށާފައި)

3 ލޮނުމެދު ( ގާނާފައި)

3 ކެޕްސިކަމް ކޮށާފައި

1 ސައިސަމުސާ އިނގުރު ( ގާނާފައިހުރި)

5 ޓޮމާޓޯ ( ތަންކޮޅެއް ބޮޑެތިކޮށް އަ

ރިއަށް ވާގޮތަށް ކޮށާފައި)

2 ހިކަނދިފަތް

3 މޭޒުމާތީސަމުސާ ޓޮމާޓޯ ޕޭސްޓް

1/2 ޖޯޑު ޗިލީ ސޯސް

1/2 ސައިސަމުސާ މުގުރި އަސޭމިރުސް

2 ސައިސަމުސާ މަސްޓަރޑް ކްރީމް

1 މޭޒުމަތީ ސަމުސާ ސޯޔާސޯސް

2 ބިސް

2 މޭޒުމަތީ ސަމުސާ ކޯން ފްލަރ

ލޮނުކޮޅެއް

ތެޔޮ

ތައްޔާރުކުރާނެގޮތް

ފުރަތަމަ ބިހާއި ކޯންފްލާ އަދި ލޮނުކޮޅު އެއްކޮށްލުމަށްފަހު ކުކުޅުކޮޅުގައި ހާކާފައި ބަހައްޓާށެވެ.

ދެން ތަވާ އުދުންމައްޗަށް އުދާލާފައި ތެޔޮ އަޅާލާފައި ތެޔޮ ކެކިގަތުމުން ކުކުޅު ތަވާޔަށް އަޅާލާފައި ކުކުޅުކޮޅު އެތެރެ މަޑުކޮށް ބޭރަށް މަޑު ބްރައުން ކުލަ އަރަންދެން ތެލުލާފައި ބަހައްޓާށެވެ.

ދެން ވަކިން ތަވާއެއް އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާލާށެވެ.

ހޫނުވީމާ ފިޔާ، މިރުސް ، ހިކަނދިފަތް، އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވީމާ ކުކުޅު ކޮޅު އެއްކޮށްފައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާފައި ރޯފިލުމުން އުނދުން މަތިން ބާލާށެވެ.

ޓޮމާޓޯ ޗިކަން. ފޮޓޯ: ފޭސްބުކް/ޖުވޭސް ރެސިޕީ

ޔޯގަޓް ޗިކަން 2

ބޭނުންވާތަކެތި

1 ކުކުޅު ނުވަތަ 10 ކުކުޅު ފައި ޅިޔަ އަޅާފައި

1/2 ޖޯޑު ޔޯގަޓް

1/4 ސައިސަމުސާ މުގުރި ތަކޫވައް

1 މޭޒުމަތީ ސަމުސާ ވިނިގާ

5 ލޮނުމެދު ( ގާނާފައި)

1 އިންޗީގެ ޅަފަޅޯކޮޅެއް

2 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައިހުރި ހިކިމިރުސް

1 އިންޗީގެ އިނގުރުކޮޅެއް

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް

1 މޭޒުމަތީ ސަމުސާ ދިރި

އޮރެންޖް ކުލަކޮޅެއް ( ކުލަހިފާވަރަށް)

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ލޮނުމެދު، އިނގުރު، ފަޅޯ، ދިރި، އެއްކޮށް ޕޭސްޓަށް ވަންދެން ގްރައިންޑަރުގައި ފުނޑާލާށެވެ.

ބާކީހުރި ހުރިހާބާވަތްތައް އެއާއި އެއްކޮށްފައި ކުކުޅުގައި ރަނގަޅަށް ހާކާލާފައި ދެ ގަޑި އިރުވަންދެން ފްރިޖްގައި ބާއްވާށެވެ. ނަގާފައި އަވަނުން ހަވާދުގަނޑު ހިކިލަންދެން ފިހެލާށެވެ. ނޫނީ އުލަށް ހަރާލާފައި ފިހެލާށެވެ.

ސިމްޕަލް ކްރިސްޕީ ފްރައިޑް ޗިކަން

ބޭނުންވާ ތަކެތި

12 ކުކުޅު ފައި ޅިޔަ އަޅާފައި

4 މޭޭޒުމަތީ އަނިއަން ޕޭސްޓް

1 މޭޒުމަތީ ސަމުސާ ބައި ލޮނުމެދު ޕޭސްޓް

2 މޭޒުމަތީ ސަމުސާ ޑްރައިޑް ޗިލީ ޕޭސްޓް

5 ބިސް ގިރާފައި

1 ސައިސަމުސާ ބައި މުގުރި އަސޭމިރުސް

2 ޖޯޑު ފުށް

1 ޖޯޑުބައި ދިޔާކިރު

1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް

1 މޭޒުމަތީ ސަމުސާ ޖިންޖަ ޕޭސްޓް

2 ލުނބޯގެ ހުތް

ފުށްކޮޅެއް ބޭރުގައި ހޭކުމަށް

ލޮނުކޮޅެއް

ތެޔޮ

ތައްޔާރު ކުރާނެ ގޮތް

ހުރިހާ ޕޭސްޓް ތަކުގެ ދެބައި ކުޅަ އެއްބަޔާއި އަސޭމިރުސް ކޮޅުގެ ވެސް އެއްބަޔާއި ލޮނުކޮޅެއް 1 ލުނބޯ ގެ ހުތް އެއްކޮށްފައި ކުކުޅު ފައި ތަކުގައި ހާކާލާށެވެ.

ވަރަށް ކުޑަ ފެންފޮދެއް ތެއްޔަކަށް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ. ކުކުޅު ފައިތައް އެއަށްލާފައި ރޯފިލަންދެން ކައްކާށެވެ.

ކުކުޅު ކޮޅު މަޑު ކުރާނީ އާވިންކަހަލަ ގޮތަކަށް ކިރިޔާ މަޑުވާވަރުގެ ފެންފޮދެއް އަޅައިގެންނެވެ.

ބިސް، ފުށް ކިރު އަދި ބާކީހުރި ހުރިހާ ސާމާނެއް އެއްކޮށް ގިރާފައި ކުކުޅު ފައިތަކުގައި ހާކާލާށެވެ .

1/2 ގަޑިއިރުވަންދެން ފްރިޖްގައި ބަހައްޓާށެވެ.

ތަވާ އުނދުން މައްޗަށް އުދާލާށެވެ.ހޫނުވީމާ ތެޔޮ އަޅާފައި ކެކުމުން ކުކުޅު ފައިތަކުގެ ބޭރުގައި ކުޑަ ހިކި ފުށްކޮޅެއް ހާކާފައި ތެލުލާށެވެ.

ފްރައިޑް ޗިކަން ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރު ކުރެއެވެ.

ފޮޓޯ: ފޭސްބުކް/ޖުވޭސް ރެސިޕީ

އީދު މުބާރަކް ކުކުޅު

12 ކުކުޅު ފައި ޅިޔާ އަޅާފައި

3 ފިޔާ ގާނާފައި

1/2 ސައި ސަމުސާ މުގުރި އަސޭމިރުސް

1 މޭޭޒުމަތީ ސަމުސާ ފުނޑާފައި ހުރި ހިކިމިރުސް

5 ލޮނުމެދު ގާނާފައި

1 ސައި ސަމުސާ މަސްޓަޑް ކްރީމް

4 މޭޒުމާތީސަމުސާ އޮލިވް އޮއިލް

1/2 މޭޭޒުމަތީ ސަމުސާ އިނގުރު ޗިސްކޮށްފައި ހުރި

1 ސައި ސަމުސާ މުގުރި ދިރި

3 ފަޅި ލުނބޯގެ ހުތް

1 ޗިކަންކިއުބް

ލޮނުކޮޅެއް

ތެޔޮފޮދެއް

ތައްޔާރު ކުރާނެ ގޮތް.

ފިޔާ ،ލޮނުމެދު، އިނގުރު ދިރި ،މިރުސް، މަސްޓަޑް ކްރީމް، އަސޭމިރުސް އެއްކޮށް މޮޑެލާށެވެ.

ލޮނާއި ލުނބޯ ހުތް، ކިއުބް, ތެޔޮ ވެސް އެބަޔައި އެއްކޮށްފައި މޮޑެލާށެވެ. ކުކުޅު ފައިތަކުގައި ހާކަފައި 30 މިނިޓް ވަންދެން ފްރިޖްގެ ތިރީބައިގައި ބަހައްޓާށެވެ.

އަވަން ގައި ފިހެލާށެވެ.

ޔޯގަޓް ޗިކަން

ބޭނުންވާ ތަކެތި

6 ކުކުޅު ފައި ކޮންމެ ފައެއް 4 ބުރި ކޮށްފައި

1 ޓޮމާޓޯ ހަނިކޮށް ކޮށާފައި

2 ފިޔާ ހިމުން ކޮށްކޮށާފައި

1 ސައި ސަމުސާ މަސްޓަޑް ސީޑްސް

2 ހިކަނދިފަތް

3 ހިކިމިރުސް ބުރި ބުރިކޮށްފައި

3 ގްރީން ޗިލީ މައްޗަށް ބުރި ބުރިކޮށްފައި

1/2 ޖޯޑު ޔޯގަޓް

1/3 ސައި ސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ބައި ލޮނުމެދު އިނގުރު ޗިސްކޮށްފައި ހުރި

1 ޗިކަން ކިއުބް

ތެޔޮފޮދެއް

ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ތަވާއުނދުން މައްޗަށް އުދާލާށެވެ.

ހޫނުވީމާ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ސީޑްސް، ހިކަނދިފަތް ،މިރުސް ހިކިމިރުސް އެއްކޮށް އަޅާލާށެވެ.

ފިޔާކޮޅު މޯޅި ވީމާ ޔޯގަޓް ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާފައި ރޯފިލަންދެން މަޑުގިނީގައި މަތިޖަހައިގެން ކައްކާށެވެ.

ދޭތެރެ ދޭތެރެއިން ދޭފަތުން ހަލަމުން ދާށެވެ.

ރޯފިލުމުން ޔޯގަޓް އެއްކޮށްފައި ކެކުމުން އުނދުން މަތިން ބާލާށެވެ.

ފޮޓޯ: ފޭސްބުކް/ޖުވޭސް ރެސިޕީ