ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ވ. އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާ އާ ގުޅިގެން ރައީސް ޔާމީނަށާއި، ދައުލަތަށް ދިން މުއްދަތުގައި ހުށަހެޅުންތައް ހުށަނޭޅުމުން އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ޝަރީއަތުން ނިންމައިފި އެވެ.

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. ރައީސް ޔާމީންގެ އިތުރުން، އެމަނިކުފާނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު، ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ދެފަރާތަށް ވެސް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދިނެވެ. އެގޮތުން ހުށަހެޅުންތައް ދައުލަތުންނާއި، ރައީސް ޔާމީންގެ ފަރާތުން ވެސް ހުށަހެޅުމަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ޝަރީއަތުން ދިން މުއްދަތު މިދިޔަ މަހުގެ 27 ވަނަ ދުވަށް ހަމަވެފައިވާއިރު، ދެފަރާތުން ވެސް ހުށަހެޅުން ހުށަހަޅާފައި ވަނީ މިމަހުގެ ކުރީކޮޅެވެ.

މި މައްސަލާގައި ދައުލަތުން ވެސް އަދި ރައީސް ޔާމީންގެ ފަރާތުން ވެސް ދުވަސްތައް ބަލާފައިވަނީ ބަންދު ދުވަސްތައް ނުހިމަނަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މުއްދަތު ހިނގާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން 15 ދުވަސް ކަމަށެވެ. އެ މުއްދަތަށް ބަލާނަމަ މިދިޔަ މަހުގެ 27 ވަނަ ދުވަހަށް މުއްދަތު ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ އިތުރުން ޔާމީން ރިޝްވަތު ދެއްވި ކަމަށް ބުނެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާ ވެސް ހުށަހެޅުން ހުށަހެޅީ މުއްދަތު ފާއިތުވި ފަހުން ކަމަށް ވުމުން ޝަރީއަތުން ވަނީ އެ ހުށަހެޅުންތައް ވެސް ބަލައި ނުގަންނަން ނިންމާފަ އެވެ.

މި މައްސަލާގައި ގާޒީ ނިންމެވީ ހުށަހެޅުންތައް މުއްދަތުގައި ހުށަނޭޅުމުން މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންގޮސް ޝަރީއަތް ފެށުމަށެވެ. ގާޒީ ނިންމެވީ އަންނަ މަހުގެ ދެވަނަ ދުވަހު އަޑުއެހުންތައް ފެށުމަށެވެ.

މިއަދުގެ އަޑު އެހުން ނިމުމުގެ ކުރިން ރައީސް ޔާމީން ވަނީ ޝަރީއަތް ލައިވް ކުރުމަށް އަނެއްކާ ވެސް އެދިވަޑައިގެންފަ އެވެ.

ގާޒީ ޝަކީލް ވިދާޅުވީ ކުރިން ވެސް ނިންމަވާފައިވާ ގޮތަށް މި މައްސަލާގައި ޝަރީއަތުގެ މަރުހަލާގެ އަޑުހުންތަކުން ފެށިގެން ލައިވް ކުރެވިގެންދާނެ ކަމަށެވެ.