ބޮލީވުޑްގެ މަޝްހޫރު ފިލްމު މޭކަރު ކަރަން ޖޯހަރު އޭނާގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ޕާޓީއެއް ބާއްވައިފި އެވެ.

ޔަޝް ރާޖް ފިލްމްސް ސްޓޫޑިއޯ ގައި އެ ޕާޓީ ބާއްވާފައިވާއިރު، އިންޑިއާގެ އެކި މަޝްހޫރު ތަރިން އެ ޕާޓީގައި ބައިވެރިވެފައިވެ އެވެ.

އޭޣެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރި އާމިރު ޚާން ހިމެނޭއިރު، ޕާޓީއަށް އާމިރު އައި ވަގުތު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ސިހުމެކެވެ. ސަބަބަކީ އާމިރު އެ ޕާޓީއަށް ދިޔައީ އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯއާ އެކުގަ އެވެ.

އާމިރާއި އޭނާގެ ކުރީގެ އަންހެނުން ވަކިވެފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓު މަހު އާމިރު އޭނާގެ ދެވަނަ އަނބިމީހާ ކިރަން ރާއޯ ވަރިކުރި ހަބަރު ވެގެންދިޔައީ ބޮލީވުޑްގެ އެންމެން ވެސް ސިއްސުވާލި ހަބަރަކަށެވެ.

ހަމައެހެންމެ އާމިރު ވަނީ އޭނާ އިތުރު ކައިވެންޏެއް ކުރުމަށް ތައްޔާރުވަމުންދާކަމަށް އާންމުން ގާތުގައި ބުނެފަ އެވެ. އެއާ އެކު އާމިރު އަނެއްކާވެސް އޭނާގެ ކުރީގެ އަންހެނުންނާ އެކު ފެނިގެން ދިއުން ވެގެންދިޔައީ އާމިރުގެ ފޭނުންނަށް ގިނަ ސުވާލުތަކެއް އަމާޒުވި ކަމަކަށެވެ.

އާމިރު ކައިވެނިކުރާނެ ކަމުގެ ހަބަރު ދިން ނަމަވެސް، އޭނާގެ ލޯބިވެރިޔާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ބުނަނީ އެއީ ފާތިމާ ސަނާ ޝެއިޚް ކަމަށެވެ.